ބޮލީވުޑްގެ މަޝްހޫރު ތަރި ޔަޝްގެ ކުރިއަށް އޮތް ފިލްމު "ޓޮކްސިކް" އާއި ރަންވީރު ސިންގްގެ "ދުރަންދަރު: ދަ ރިވެންޖް" އާ ދެމެދު ބޮޑު ވާދަވެރިކަމެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް ޔަޝްއާ ގާތް ފަރާތްތަކުން ދޮގުކޮށްފިއެވެ.

މި ދެ ފިލްމުވެސް ކުރިން ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ މާރޗް 19 ވަނަ ދުވަހުއެވެ. ނަމަވެސް "ޓޮކްސިކް" މިހާރު ވަނީ ޖޫން މަހުގެ 4 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މި ބަދަލާއެކު، އީދު ބަންދާ ދިމާކޮށް ކުރިން "ޓޮކްސިކް" އިން ހިފާފައި އޮތް ތާރީޚު "ދުރަންދަރު 2" އިން އަތުލުމުން ޔަޝް ހުރީ ނުރުހިފައި ކަމަށް މީޑިއާތަކުގައި އަޑުފެތުރުނެވެ.

އެހެންނަމަވެސް، ޔަޝްއާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި، މިފަދަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެކެވެ. "ޔަޝްއަކީ ވަރަށް ހަމަޖެހިގެން އުޅޭ މީހެއް. އޭނާއަކީ ދުނިޔަވީ އުފާވެރިކަމާއި ލަގްޒަރީ ދިރިއުޅުމެއް އުޅުނަސް، މިފަދަ ކަންކަމުގައި ވަރަށް ކެތްތެރި، 'މޮންކް' އެއް ފަދަ ސިފަތަކެއް ހުންނަ މީހެއް،" ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި މަސްދަރަކުން ބުނެފައިވެއެވެ.

އެފަރާތުން އިތުރަށް ހާމަކުރި ގޮތުގައި، ޔަޝްއަކީ "ދުރަންދަރު" ގެ ފުރަތަމަ ބަޔަށް ވަރަށް ބޮޑަށް ތާއީދުކުރި މީހެކެވެ. އަދި އޭނާ ހުރީ އެ ފިލްމުގެ ދެވަނަ ބަޔަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ. ދެ ފިލްމުގެ ދެމެދުގައި އޮތް ވާދަވެރިކަމަކީ ބޭރުގެ ފަރާތްތަކުން އަމިއްލައަށް އުފައްދައިގެން އުޅޭ ވާހަކަތަކެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ޓޮކްސިކް" ރިލީޒްކުރާ ތާރީޚު ފަސްކުރީ ވާދަވެރިކަމަށް ބިރުން ނޫން ކަމަށާއި، އެއީ ގަލްފް ސަރަހައްދާއި ޔޫއޭއީގައި އޮތް ހަނގުރާމައިގެ ނުތަނަވަސްކަމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ. "ދުރަންދަރު 2" އަށް މި މައްސަލަ ކުރިމަތިނުވަނީ، އެ ފިލްމުގެ ފުރަތަމަ ބައި ފަދައިން ދެވަނަ ބައިވެސް މުސްލިމް ގައުމުތަކުގައި މަނާކުރާނެ ކަމަށް ބެލެވޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ފަރާތުން ބުނީ ޔަޝްއަކީ ދުވަހަކުވެސް އެހެން ފިލްމުތަކާ ވާދަކޮށް، އެހެން މީހުން ކުރާ ކަންކަމަށް ފާރަލައި ހަސަދަވެރިވާނެ މީހެއް ނޫން ކަމަށެވެ. އޭނާގެ ފުރިހަމަ ސަމާލުކަން އޮތީ އަމިއްލަ މަސައްކަތްތައް އެންމެ ފުރިހަމައަށް ނިންމުމަށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު