އިންޑިއާގެ ސިނަމާގައި މިހާތަނަށް އުފައްދާ އެންމެ ބޮޑު ފިލްމު ކަމަށް ބެލެވޭ "ދުރަންދަރު 2" ގެ ޓްރެއިލާ އާންމުކޮށް، ހޮނިހިރު ދުވަހުގެ ހެނދުނު ފިލްމުގެ ޓިކެޓު ބުކިންގް ހުޅުވާލުމުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

ޓިކެޓު ވިއްކަން ފެށިތާ އެންމެ ދެ ގަޑިއިރުގެ ތެރޭގައި މުޅި އިންޑިއާއިން 4 ކްރޯޑް ރުޕީސްގެ ޓިކެޓު ވަނީ ވިކިފައެވެ.

ފިލްމުގެ ފުރަތަމަ ދުވަހުގެ ޝޯތަކަށް އެކަނިވެސް މިހާރު ލިބެމުންދާ ތަރުހީބަކީ މީގެ ކުރިން އިންޑިއާގެ އެއްވެސް ފިލްމަކަށް ލިބިފައިނުވާ ފަދަ ބޮޑު ތަރުހީބެކެވެ. މީގެ ތެރެއިން 2.50 ކްރޯޑް ރުޕީސް ލިބިފައިވަނީ އިންޑިއާގެ އެންމެ ބޮޑު ތިން ސިނަމާ ޗެއިން ކަމަށްވާ ޕީ.ވީ.އާރް، އައިނޮކްސް އަދި ސިނެޕޮލިސް އިންނެވެ. ބާކީ ފައިސާއަކީ އެހެނިހެން ސިނަމާތަކުން ލިބިފައިވާ އާމްދަނީއެވެ.

ޓިކެޓު ވިއްކާ މަޝްހޫރު ޕްލެޓްފޯމް "ބުކް މައި ޝޯ" އިން ހާމަކުރާ ގޮތުގައި، ކޮންމެ ގަޑިއިރަކު 10،000 އަށްވުރެ ގިނަ ޓިކެޓު ދަނީ ވިކެމުންނެވެ. މިހާތަނަށް ބޮޑެތި ސިނަމާ ޗެއިންތަކުން އެކަނިވެސް 35,000 އަށްވުރެ ގިނަ ޓިކެޓު ވިކިފައިވާއިރު، ބެލެވޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި 1 ލައްކައަށްވުރެ ގިނަ ޓިކެޓު ވިކޭނެއެވެ. މިއީ އެއްވެސް "ފޭން ޝޯ" އެއް ނުވަތަ "ކޯޕަރޭޓް ބުކިންގް" އެއް ނުހިމަނައި، އާންމުން އަމިއްލައަށް ޓިކެޓު ގަނެގެން މިހާ ކުރު މުއްދަތެއްގައި މިފަދަ ރެކޯޑެއް ގާއިމުކުރާ ފުރަތަމަ ފިލްމަށް ވެގެންދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ފިލްމީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި "ދުރަންދަރު 2" އަށް މިހާރު އޮތް ތަރުހީބަކީ މަޝްހޫރު ފިލްމު "ބާހުބަލީ 2" އަށް ފަހު ފެނިގެންދާ އެންމެ ބޮޑު ތަރުހީބެވެ. ލަފާކުރެވޭ ގޮތުގައި ފިލްމުގެ "ޕެއިޑް ޕްރިވިއު" ތަކުން އެކަނިވެސް 20 ކްރޯޑް ރުޕީސް ލިބޭނެއެވެ. އަދި ފިލްމު ރިލީޒްކުރާ ފުރަތަމަ ދުވަހު 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، ކުރީގެ ހުރިހާ ރެކޯޑުތަކެއް މި ފިލްމުން މުގުރާލާނެ ކަމަށް ބެލެވޭ ކަމަށްވެސް މާހިރުން ބުނެއެވެ.





ކިޔުންތެރިންގެ ހިޔާލު