އެމެރިކާއާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގައި ހިނގަމުންދާ ކުރިމަތިލުންތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން މިރޭ ގޮވާލައިފިއެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭންފެށި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އިޒްރޭލަށާއި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދޭން ވަނީ ފަށާފައެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، މުޅި ސަރަހައްދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ހުރިހާ ގައުމުތަކުގެ ހަމަލާތައް ހުއްޓާލަން ވަނީ ގޮވާލާފައެވެ. އަދި ހުރިހާ ގައުމަކުން ވެސް ސުލްހަވެރިކަން އިސްކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ހުރިހާ ގައުމުތަކުން ވެސް އެހެން ގައުމުތަކުގެ މިނިވަން ކަމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރުމަކީ ދުނިޔޭގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ކަމުގެ ސަބަބުން ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ ބައެއް ފްލައިޓްތައް ކެންސަލްވެ، ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް އެނބުރި ގައުމަށް ނުދެވި، ދަތުރުތައް ވަނީ މެދުކެނޑިފައެވެ.



ކިޔުންތެރިންގެ ހިޔާލު