ޗާގޯސް މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުންތައް ކަނޑާލި ނަމަވެސް، ރާއްޖޭން ފަހަތަށް ޖެހެން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މޮރިޝަސް އިން ވަނީ ރާއްޖެއާއެކު އޮންނަ ސިޔާސީ ގުޅުންތައް ކަނޑާލާފައެވެ. މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލާފައިވަނީ ފޯޅަވަހި (ޗާގޯސް) މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ، މޮރިޝަސްއާއި މަޝްވަރާތައް ބޭއްވި ނަމަވެސް މި މައްސަލާގައި ރާއްޖޭން ފަހަތަށް ޖެހެން ނުޖެހޭ ކަމަށެވެ.

"މޮރިޝަސްއާ ވާހަކަ ދައްކަން ޖެހޭ، އެހެނަސް ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރޭ އެމަނިކުފާނު ވިދާޅުވީ، މޮރިޝަސްއިން ދިވެހިރާއްޖެއާ އޮތް ޚާރިޖީ ގުޅުން ކަނޑާލުމަށް ނިންމި ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ސުލްހަވެރި ހައްލެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ފޯޅަވައްސަކީ ތާރީޚީ ގޮތުން ރާއްޖެއާ ގުޅުންހުރި ތަނެއް ކަމަށާއި، އެތަނުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮންނަންޖެހޭނެ ކަމަށް ވަކާލާތު ކުރަށްވާފައެވެ. ނަމަވެސް، މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ކަނޑާލުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ހުރަހެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު