މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތިންވަނަ ދުވަހު، އިދިކޮޅު އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ)ގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ)ގެ މައްޗަށް ދައުވާ ކުރަން ފޮނުވި ކަން ފުލުހުން ހާމަކުރީ އޭނާ އަށް ފޮނުވި މައްސަލަަ ނިމުނުގޮތުގެ ލިޔުމުގައެވެ. ފުލުހުން މަޓޭގެ މައްޗަށް ކުރަނީ ޣައިރު ޤާނޫނީ އެއްވުމެއް ރޫޅާލަން އުޅޭ މީހާ އަށް ހުރަސް އެޅުމުގެ ތުހުމަތެވެ. އެގޮތުން މަޓޭގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅުމާއި، ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދައިކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުވާ މައްސަލައިގައި ކަމަށް އޭނާ އަށް ފުލުހުން ފޮނުވާފައިވާ މައްސަލަ ނިމުނުގޮތުގެ ލިޔުމުގައި ބުނެފައިވެއެވެ.

މި މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ އާލާތްތަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ޖުމްލަ އަށް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ހަތް މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަ މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އެކަކު ވަނީ ބައެއް ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީމަގަށް ވަންނަން އުޅުމުން، ފުލުހުން ވަނީ ބެރިކޭޑް ޖަހައި އެ ސަރަހައްދު ބަންދުކޮށްފައެވެ. މި މުޒާހަރާ ކޮންޓްރޯލްކުރުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ފަހުގެ ތާރީޚެއްގައި ގިނަ ބަޔަކު ބައިވެރިވި މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭގެ އިތުރުން، ފުރަތަމަ ފަހަރަށް 'ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް' (އެލް.އާރް.އޭ.ޑީ) ނުވަތަ ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކޮށްފައެވެ. މި އާލާތް ބޭނުންކުރުމުގެ ސަބަބުން އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯއަނބުރައި، ހޮޑުލަވައި އަދި ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވާކަން އެމްޑީޕީން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު