އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސާސަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ބަދަލު ގެންނަވާފައެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ބަދަލު ގެނައީ މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ގައި ނެގި ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ސަރަހައްދު އަލުން ކަނޑައެޅުމަށެވެ.

އެ ވޯޓުގެ ނަތީޖާއަށް ބިނާކޮށް، މީގެ ކުރިން އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި އޮތް ހުޅުދޫ އާއި މީދޫ ވަނީ ވަކިކޮށް، އެއީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެ ކުރިން އައްޑޫ ސިޓީގެ ޗާޓު ދޫންޏެއްގެ ސިފައިގައި ފެންނަން އޮތް ނަމަވެސް، މި ގެނެވުނު އިދާރީ ބަދަލާއެކު އެ ސިފަ މިހާރު ވަނީގެއްލިފައެވެ.

މިހާރު އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ސަވާހެލި ނަމަކަށް ކިޔާ ފަޅުރަށެކެވެ. މީގެ އިތުރުން، މީދޫގެ އިހުތިސާސްގެ ތެރޭގައި ވެސް ވަކި ފަޅުރަށެއް ހިމެނޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ނިންމުމަކީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ އެދުމުގެ މަތިން، އެ ދެ ރަށަށް އިތުރު ތަރައްގީ އާއި އަމިއްލަ ބާރުވެރިކަން ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު