ކައުނުގެ އުފެދުމާއި އޭގެ ބޮޑުމިނަކީ އިންސާނާގެ ބުއްދި ހައިރާންކުރުވާ ފަދަ ކަމެކެވެ. މީގެ އެތައް ގަރުނެއް ކުރިން، އެކަށީގެންވާ ސައިންޓިފިކް ވަސީލަތްތަކެއް ނެތް ޒަމާނެއްގައި ކީރިތި ޤުރުއާނުގައި ވަނީ ކައުނަކީ މެދުނުކެނޑި ފުޅާވަމުންދާ އެއްޗެއްކަން ބަޔާންކޮށްފައެވެ.

ސޫރަތުއްޛާރިޔާތުގެ 47 ވަނަ އާޔަތުގައި މާތް ﷲ ވަނީ މިކަމުގެ ހަގީގަތް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.

އެ އާޔަތުގެ މާނައިގައިވަނީ: "ތިމަންރަސްކަލާނގެ އަތްޕުޅުގެ ބާރުން (އެބަހީ: ކުޅަދުންވަންތަކަމުން) އުޑު ބިނާކުރެއްވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ (އެ އުޑު ނުވަތަ ކައުނު) ތަނަވަސްކުރައްވާ (ފުޅާކުރައްވާ) ރަސްކަލާނގެއެވެ." މި އާޔަތަކީ ކައުނު އުފެއްދެވި ކުޅަދުންވަންތަކަމުގެ ބޮޑުކަމާއި، އެ ކައުނު ހުއްޓުމެއްނެތި ފުޅާވަމުންދާކަމުގެ ދިިރިހުރި ހެއްކެކެވެ.

ޒަމާނީ ފަލަކީ އިލްމުވެރިންނަށް ކައުނު ފުޅާވަމުންދާކަން ހޯދުނީ މީގެ ގަރުނެއްހާ ދުވަސް ކުރިން، 1920 ގެ އަހަރުތަކުގެ ތެރޭގައެވެ. އެޑްވިން ހަބަލް ފަދަ އިލްމުވެރިން ހޯއްދެވި ގޮތުގައި، ދުރުގައިވާ ގެލެކްސީތައް ދަނީ ބާރު މިނެއްގައި އަހަރެމެންނާ ދުރަށް ދަތުރުކުރަމުންނެވެ. މިއީ މީގެ 1400 އަހަރު ކުރިން ޤުރުއާނުގައި ބަޔާންކުރައްވާފައިވާ "މޫސިޢޫން" (ތަނަވަސްކުރައްވާ ފަރާތް) މި ބަހުގެ މާނައާ ސީދާ ދިމާވާ ހަގީގަތެކެވެ.

މި އާޔަތުން ދޭހަވަނީ އިސްލާމްދީނާއި ސައިންސާ ދެމެދު އޮތް ވަރުގަދަ ގުޅުމެވެ. ކައުނުގެ އުފެދުމާއި، އޭގެ ނިޒާމުތައް ފަރުމާކުރައްވާފައިވާ ފުރިހަމަކަމަކީ ޚާލިޤުވަންތަ އިލާހެއްގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ކަމެކެވެ. މިއަދުގެ ސައިންޓިފިކް ހޯދުންތަކުން ކަށަވަރުވަމުން މިދަނީ ޤުރުއާނުގެ މުޢުޖިޒާތްތަކެވެ. އެހެންކަމުން، ކައުނުގެ ހައިބަތާ މެދު ފިކުރުކޮށް، މާތް ﷲ ގެ ކުޅަދުންވަންތަކަން އިހުސާސްކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު