ޏ. ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ މީހަކު 75 އަހަރަށް ޖަލަށް ލުމަށާއި ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި 2026 ފެބުރުވަރީ 24 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ) ގެ މައްޗަށެވެ.

ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ 2024 އޭޕްރީލް 27 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ، ޢަބްދުލްބާސިޠަކީ ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ނެޓްވޯކެއްގެ އިސްފަރާތްތަކާ ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށެވެ. އޭނާގެ ބޭންކު އެކައުންޓުތަކުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާއާއި، 19،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ހިންގާފައިވެއެވެ. ފުލުހުން ބުނީ، މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ މަސްތުވާތަކެތީގެ ނެޓްވޯކްތަކާ ގުޅުންހުރި 174 މީހަކު އެކި ދުވަސްމަތިން ހައްޔަރުކޮށްފައެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލައެއް ތަހުގީގުކޮށް، އޭގެ ތެރެއިން 78 މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު