މިދިޔަ ހޮނިހިރު ދުވަހު ކެލިފޯނިއާގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަނުގައި ވާހަކަދައްކަވަމުން، އެމެރިކާގެ ޓްރޯމާ ސާޖަން ޑރ. ފީރޯޒް ސިދްވާ ވަނީ ގާޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގާޒާގައި ދަރުމަވެރި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސިދްވާ ވިދާޅުވި ގޮތުގައި، ގާޒާގައި ހިންގަމުންދާ ލޭއޮހޮރުވުންތަކަށް އެމެރިކާއިން ޒިންމާ އުފުލަންޖެހެއެވެ. އެއީ އިޒްރޭލުގެ މި އަމަލުތަކަށް އެމެރިކާއިން ފައިސާ އާއި، ހަތިޔާރުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ސިޔާސީ ހިމާޔަތް ފޯރުކޮށްދެމުންދާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ސިދްވާގެ ވާހަކައިގައި، ގާޒާގެ ހޮސްޕިޓަލުތަކުން އޭނާއަށް ފެނުނު ބިރުވެރި މަންޒަރުތައް ސިފަކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ، އިޒްރޭލުގެ ހަމަލާތަކުގައި ބޭނުންކުރާ ބޯޓުތައް ދުއްވަން ތިބީ އިބްރާނީ ބަހުން ވާހަކަދައްކާ ޕައިލެޓުން ކަމަށް ވީނަމަވެސް، އެ މަރުގެ މެޝިނަރީތަކުގެ އަސްލު ބަހަކީ އިނގިރޭސި ބަސް ކަމަށެވެ. މިއީ އެ ހަމަލާތަކުގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކީ އެމެރިކާގެ އުފެއްދުންތައްކަން ހާމަކޮށްދިނުމަށް އޭނާ ބޭނުންކުރެއްވި ވަރުގަދަ މިސާލެކެވެ.

މީގެ އިތުރުން، އޭނާ ވަނީ ގާޒާގެ ސިއްހީ ނިޒާމު ގަސްތުގައި ސުންނާފަތި ކުރަމުންދާ ކަމަށާއި، ކުޑަކުދިންނާއި އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ސަބަބުން އިންސާނީ ކަރާމާތް ގެއްލިފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާގެ ސިޔާސީ މަސްރަހުގައި މިފަދަ ވަރުގަދަ ބަހުރުވައަކުން އިޒްރޭލާއި އެމެރިކާގެ ސިޔާސަތުތަކަށް ޑރ. ފީރޯޒް ފާޑުކިޔުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު