ބޮލީވުޑްގެ މަޝްހޫރު ފަންނާނު އާމިރު ޚާން، އިންޑިއާގެ އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްގެ ކިބައިން ލަވަކިޔުން ހުއްޓާނުލުމަށް އެދިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިކަމަށް އެދިފައިވަނީ މިދިޔަ މަހުގެ ތެރޭގައި އަރިޖީތުގެ އުފަން އަވަށް މުރްޝިދު އާބާދަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.

މި ދަތުރުގެ ތެރެއިން އަރިޖިތުއި ވާހަކަ ދައްކަމުން އަރިޖިތު ސިންގް އަކީ މިހާރުގެ މިއުޒިކީ ދާއިރާގައި ހުރި އެންމެ ވަރުގަދަ އެއް ތަނބު ކަމަށާއި، އޭނާ ލަވަކިޔުން ހުއްޓާލައިފިނަމަ އެއީ މުޅި އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ.

އާމިރު އިތުރަށް ބުނި ގޮތުގައި އަރިޖިތުގެ އަޑަކީ ރޫހާނީ ގުޅުމެއް އުފައްދައިދޭ އަޑެކެވެ. އަދި އޭނާގެ މަގުބޫލުކަން އޮތް މިންވަރުން، މިހާ އަވަހަށް މިއުޒިކާ ދުރަށް ދިއުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އާމިރު ފާހަގަކުރިއެވެ.

އަރިޖިތު ރިޓަޔަރމަންޓާ ބެހޭގޮތުން ވާހަކަ ދައްކާފައިވަނީ މިދިޔަ މަހު ދިން އިންޓަވިއުއެއްގައެވެ. ނަމަވެސް އާމިރު ޚާން ވަނީ އަރިޖިތުގެ އެ ނިންމުން ބަދަލުކުރުމަށް ބާރުއަޅައި، އޭނާގެ ފަރާތުން އަދިވެސް ގިނަ ރީތި ލަވަތަކެއް ބޭނުންވާ ކަމަށް ބުނެފައެވެ.

ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން މިދިޔަ މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަރިޖީތު އިއުލާން ކުރިއިރު އެއާއެކު ގިނަ ބަޔަކު ދަނީ އެ ނިންމުން އަނބުރާ ގެންދިއުމަށް އޭނާގެ ކިބައިން އެދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު