ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމަށް ވަރަށް އަވަހަށް ސުންގަޑިއެއް ކަނޑައަޅައި އަންގާނެ ކަމަށާއި، އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ މުޅި ޣައްޒާ އިޒްރޭލުން ހިފާނެ ކަމަށް އެގައުމުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ބުނެފިއެވެ.

އިޒްރޭލުގެ ދައުލަތުގެ މީޑިއާ "ކާން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ހަމާސް އިން ހަތިޔާރު ބަހައްޓައި، ޣައްޒާއަކީ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް އެ ޖަމާއަތަށް ފަހުގެ އިންޒާރު ނުވަތަ "އަލްޓިމޭޓަމް" އެއް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓްގެ މެންބަރެއްގެ ގޮތުގައިވެސް ހުރި ސްމޮޓްރިޗް ފާހަގަކުރި ގޮތުގައި، ހަމާސް އިން އެ އިންޒާރަށް އިޖާބަ ނުދީފި ނަމަ، އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން އަމިއްލައަށް އެކަން ކުރުމަށް ބައިނަލްއަގުވާމީ ގާނޫނީ ހުއްދަ އާއި އެމެރިކާގެ އެހީތެރިކަންވެސް ލިބޭނެއެވެ. އަދި މިހާރުވެސް އިޒްރޭލުގެ އަސްކަރިއްޔާއިން އެ ސަރަހައްދު ހިފުމަށްޓަކައި ރޭވުންތައް އެކުލަވާލައި ތައްޔާރުވަމުންދާ ކަމަށް އޭނާ ހާމަކުރިއެވެ.

ފާއިތުވި ޖެނުއަރީ މަހު ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ރޭވިފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާ ޣައްޒާއިން މަޑުމަޑުން ފޭބުމަށާއި ހަމާސްގެ ހަތިޔާރު އަތުލުމަށެވެ. ނަމަވެސް ހަމާސް އިން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.

ސްމޮޓްރިޗް ބުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ މަޝްރޫއުގެ ދަށުން ބޭރުގެ ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާއަށް ވަތް ނަމަވެސް، ހަމާސްއާ ދެކޮޅަށް އޮޕަރޭޝަން ހިންގަން ޖެހިއްޖެ ހާލަތެއްގައި އެ ފައުޖުތައް ފޭބުމަށްފަހު އިޒްރޭލުގެ އަސްކަރިއްޔާއަށް ފުރުސަތު ދޭނެ ކަމަށް އެމެރިކާއާ އެކު އެއްބަސްވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު