އިސްރާއީލުން ހިފާފައިވާ ގާޒާގައި ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަ ނުލިބި، އިންތިޒާރުގައި ހުރި އުމުރުން އެންމެ ދެ އަހަރާއި ބައިގެ ކުޑަކުއްޖަކު މަރުވެއްޖެއެވެ.

ނިދާލް އަބޫ ރަބީޢާ ނަމަކަށް ކިޔާ މި ކުއްޖާ މަރުވީ ފުރަމޭ ދުޅަވުމާއި ގަދައަށް ހުން އައުމުގެ ބައްޔަށް ފަރުވާ ހޯދުމަށް ރަފަހް ބޯޑަރު ހުރަސްކޮށް ބޭރަށް ދިއުމަށް 14 މަސް ދުވަހު އިންތިޒާރު ކުރުމަށްފަހުގައެވެ. ނިދާލްގެ މަންމަ، އީމާން ހަމްދޫނާ ބުނި ގޮތުގައި، ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ހަމަވެފައިވީ ނަމަވެސް، އިސްރާއީލުން ބޯޑަރު ބަންދުކޮށް ހުއްދަ ނުދިނުމަކީ އޭނާގެ ދަރިފުޅު މަރުވުމުގެ މައިގަނޑު ސަބަބެވެ.

ގާޒާގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ރަފަހް ބޯޑަރު ބަންދުކުރި ފަހުން، ބޭސްފަރުވާއަށް ބޭރަށް ނުދެވި އިންތިޒާރުގައި ތިއްބާ 1,360 އަށްވުރެ ގިނަ ބަލިމީހުން ވަނީ މަރުވެފައެވެ.

އިސްރާއީލުން ގާޒާގެ ސިއްހީ ނިޒާމު ގަސްތުގައި ސުންނާފަތިކޮށްލާފައިވާއިރު، މިހާރުވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ 350,000 އެއްހައި މީހުން ގާޒާގައި އެބަތިއްބެވެ. މީގެ ތެރޭގައި ކިޑްނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އެހެނިހެން ނުރައްކާތެރި ބަލިތައް ތަހައްމަލު ކުރަމުންދާ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ނިދާލްގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތު އަދިވެސް ނިމުމަކަށް ނާދެއެވެ. ނިދާލް މަރުވުމުގެ އެއް މަސް ކުރިން އުފަންވި އޭނާގެ އުމުރުން އެންމެ ދޮޅު މަހުގެ ކޮއްކޮ، ރިޓާލް އަބޫ ރަބީޢާ ވެސް މިހާރު އޮތީ ހަމަ އެ ބަލީގައި އަލްއަޤްޞާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ނިދާލްގެ މަންމަ ބިރުގަންނަނީ އޭނާގެ ދަރިފުޅު ފަދައިން ރިޓާލްގެ ފުރާނަވެސް ގެއްލިދާނެތީއެވެ. މިދިޔަ އޮކްޓޯބަރު މަހު ވެވުނު "ސީޒްފަޔަރ" އެއްބަސްވުމުގެ ދަށުން ބަލިމީހުން ބޭރަށް ފޮނުވުމަށް އިސްރާއީލުން އެއްބަސްވި ނަމަވެސް، އެގައުމުން ދަނީ ވަރަށް މަދު ބަޔަކަށް ނޫނީ ހުއްދަ ނުދީ ހިފަހައްޓަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު