އެމެރިކާގެ ނިއުޔޯކްގެ މަޝްހޫރު ޓައިމްސް ސްކޮޔަރގައި ކުރިއަށްދިޔަ ރަމަޟާން މަހުގެ އިފްތާރު އަދި ތަރާވީޙް ނަމާދުގެ ބޮޑު ޖަމާއަތެއްގެ ތެރެއިން އެމެރިކާގެ ދެމަފިރިއަކު އިސްލާމްދީން ގަބޫލުކޮށްފިއެވެ.

އެތައް ސަތޭކަ މުސްލިމުންނަކާއި އާންމުން އެއްވެފައި އޮތް މި ހަރަކާތުގެ ތެރެއިން، މި ދެމަފިރިން ވަނީ ތަރާވީޙް ނަމާދު އިންތިޒާމުކުރި ފަރާތާ ބައްދަލުކޮށް، އިސްލާމްދީން ގަބޫލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

މި މުނާސަބަތުގައި، މި ހަރަކާތް އިންތިޒާމުކުރި ހޯސްޓް ވަނީ މަޖާޒީ ގޮތަކަށް އެއްވެފައި އޮތް މީހުންނާ މުޚާތަބުކޮށް، "މީހުން ބުނެފާނެ ތިމަންނަ މީމީހުންނަށް ފައިސާ ދިނީއޭ، ހަސަދަވެރިން ބުނާނީ އެހެން،" ކަމަށް ބުނެފައެވެ.

އެއަށްފަހު އެ ދެމަފިރިންގެ ގާތުގައި، "އަހަރެން ތިޔަބައިމީހުންނަށް ފައިސާ ދިނިންތޯ؟" ސުވާލުކުރުމުން، އެމީހުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެއްވެސް ގައުމަކުން ސްޕޮންސަރ ކޮށްގެން ކުރާ ކަމެއްތޯ ސުވާލުކުރުމުންވެސް، އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމެއްކަން އެ ދެމަފިރިން ކަށަވަރުކޮށްދިނެވެ.

އިސްލާމްދީނާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން އެ ދެމަފިރިން ބުނީ، އިސްލާމްދީނަށް އެމީހުންގެ ހިތް ލެނބުނީ ހިތުގެ އަޑިން ކުރެވުނު އިހުސާސްތަކެއްގެ ސަބަބުން ކަމަށާއި، މިއީ އެމީހުންނަށްޓަކައި އޮތް މަގުކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން، އޭގެ ތެރޭގައި އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ޖަރުމަނުވިލާތް، ފްރާންސް، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން އައިސްތިބި މީހުންގެ ކުރިމަތީގައި އެ ދެމަފިރިން ވަނީ ޝަހާދަތް ކިޔައި، އިސްލާމްދީނަށް ވަދެފައެވެ.

ޓައިމްސް ސްކޮޔަރގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިފަދަ ރަމަޟާން މަހުގެ ހަރަކާތްތަކަކީ، ގިނަ ބައެއްގެ ސަމާލުކަން ލިބި، އިސްލާމްދީނުގެ ހަގީގީ މެސެޖު އާންމުންނަށް ފޯރުކޮށްދިނުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. މި ހާދިސާއާއެކު ގިނަ ބަޔަކު ވަނީ އެ ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު