ބޮލީވުޑްގެ ސުޕަސްޓާ ޝާހުރުކް ޚާންއާ އެކު ފިލްމެއް އުފެއްދުމުގެ އުންމީދު އާކޮށް، އެކަމުގެ ވަރުގަދަ އިޝާރާތެއް މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ދީފިއެވެ.

ދާދިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވިޝާލް ބުނީ، ޝާހުރުކް ޚާންއާ އެކު މަސައްކަތް ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ދެމީހުން އެކުގައި މަސައްކަތް ކުރުމަށް ތިން ހަތަރު ފަހަރަކު ފުރުސަތު ތަނަވަސްވެ، ނަމަވެސް އެކި ސަބަބުތަކާހުރެ އެކަން ކާމިޔާބު ނުވެފައިވާކަން އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް، މިފަހަރު އެ ހުވަފެން ފުރިހަމަވެ، ޝާހުރުކްއާއެކު ފިލްމެއްގެ މަސައްކަތް ހަގީގަތަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ވިޝާލް ބުންޏެވެ.

ޝާހުރުކް ޚާން ވަނީ 2023 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން 2023 ވަނަ އަހަރު ރިލީޒްކުރި 'ޕަޓާން'، 'ޖަވާން' އަދި 'ޑަންކީ' އަކީ ބޮކްސް އޮފީހުގައި ބޮޑެތި ރެކޯޑުތަކެއް މުގުރާލި ފިލްމުތަކެކެވެ. މި ކާމިޔާބީތަކަށްފަހު ޝާހުރުކް ދެން ފެންނާނީ މިއަހަރު ނެރުމަށް ތައްޔާރުވަމުންދާ 'ކިންގު' އިންނެވެ.

ވިޝާލް ބަރަދްވާޖަކީ 'އޯމްކާރާ' އާއި 'ހައިދަރު' ފަދަ ތަފާތު މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ، އަދި ޝެކްސްޕިއަރުގެ ވާހަކަތަކަށް ފިލްމު ހެދުމަށް މަޝްހޫރު ޑައިރެކްޓަރަކަށް ވުމުން، މި ދެ ފަންނާނުން އެކުވެގެން އުފައްދާނެ ފިލްމަކާ މެދު ބޮލީވުޑްގައި މިހާރު ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ. ވިޝާލް ބުނި ގޮތުގައި އޭނާ އާއި ޝާހުރުކްއާ ދެމެދު މިހާރުވެސް ސްކްރިޕްޓްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދެއެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލެއް ނުވަތަ ފިލްމުގެ ނަން އަދި ރަސްމީކޮށް އިޢުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ވިޝާލްގެ މި ވާހަކަތަކުން ދޭހަވަނީ ވަރަށް އަވަހަށް މިފަދަ ބޮޑު މަސައްކަތެއް ފެށިގެންދާނެ ކަމެވެ.



ކިޔުންތެރިންގެ ހިޔާލު