ޞާދިރު ޢަލީދީދީ   20 ފެބްރުއަރީ 2026 - 15:53
ދުނިޔެއަށް އަންނަން އުޅޭ ދަރިފުޅަށް އިންތިޒާރުކުރާ ކޮންމެ މައިންބަފައިންނެކޭ އެއްފަދައިން، އަޅުގަނޑުމެންވެސް ތިބީ ނުހަނު އުފަލުންނެވެ. ވިހެއުމުގެ ވޭންތައް ފެށުމާއެކު އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. މިއީ އަޅުގަނޑުމެންގެ ދެވަނަ ދަރިފުޅެވެ. ފުރަތަމަ ދަރިފުޅަކީ ދެ އަހަރުގެ "އާދައިގެ" ފިރިހެން ކުއްޖެކެވެ. މިފަހަރު ލިބެނީ އަންހެން ކުއްޖެއް ކަމަށް ބުނުމުން އަޅުގަނޑުމެން ތިބީ ނުހަނު އުފަލުންނެވެ. "ކިހާ ފުރިހަމަ! މުޅި އާއިލާ މިހާރު ހަމަވީ. އަޅުގަނޑުމެންގެ އާއިލީ ފޮޓޯވެސް ވަރަށް ފުރިހަމަވާނެ!" މިހެން ހިތަށް އެރިއެވެ. ހުރިހާ ކަމެއްވެސް ދިޔައީ ނުހަނު ފުރިހަމައަށް ކަމަށް އަޅުގަނޑުމެންނަށް ހީވިއެވެ.

މާތް ﷲގެ ހަޟުރަތުން އެދުމެއް ނެތި ނިޢުމަތްތައް ލިބުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންނުކުރެވި، އެކަލާނގެއަށް ޝުކުރުވެރިވުމުގައި ފަރުވާކުޑަކުރެވޭ ފަހަރު އާދެއެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މިކަން ބަޔާންކުރައްވާފައެވެ. "އަދި ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތަކެއް ނުގުނޭނެއެވެ. ހަމަކަށަވަރުން، އިންސާނާއީ އަނިޔާވެރިވުން ބޮޑު، ނިޢުމަތްތަކަށް އިންކާރުކުރުން ބޮޑު މީހެކެވެ." (އިބްރާހީމް ސޫރަތް: 34).

މިފަހަރުގެ ދަރިފުޅަކީ އަޅުގަނޑުމެން ވަރަށް "ފުރިހަމައަށް" ރާވައިގެން ލިބުނު ދަރިފުޅެކެވެ. ދޮށީ ދަރިފުޅާއެކު ކުޅެލަން ކޮއްކޮއަކު އަންނާނެ ވަގުތުވެސް އޮތީ ރޭވިފައެވެ. ނަމަވެސް އަޅުގަނޑުމެން ކިތަންމެ ވަރަކަށް ރޭވި ނަމަވެސް، ﷲގެ މިންވަރުފުޅު މާ މަތިވެރިއެވެ. "އަދި އެއުރެން ރޭވުންތައް ރާވައެވެ. އަދި ﷲވެސް ރޭވުންތައް ރާއްވަވައެވެ. ރޭވުންތެރިންގެ ތެރެއިން އެންމެ ހެޔޮ ރޭވުންތެރިޔަކީ ﷲއެވެ." (އަންފާލު ސޫރަތް: 30).

އޭރު އަޅުގަނޑުގެ އުމުރަކީ 25 އަހަރެވެ. ޒުވާން އުމުރުގެ އެހެން އަންހެނުންނެކޭ އެއްފަދައިން އަޅުގަނޑުގެވެސް އުއްމީދުތަކެއް ހުއްޓެވެ. "ފުރިހަމަ ދިރިއުޅުމަކީ" ރަނގަޅު ނަތީޖާއެއް ހޯދުން، މާސްޓާސް ޑިގްރީއެއް ހާސިލުކުރުން، ކާމިޔާބު ވަޒީފާއެއް އަދާކުރުން، ހިތް އެދޭ ފަދަ ބައިވެރިއަކާ ކައިވެނިކުރުން އަދި "އާދައިގެ" ސިއްހަތު ރަނގަޅު ދަރިން ލިބުން ކަމަށް އަޅުގަނޑު ގަބޫލުކުރީމެވެ. އަޅުގަނޑުގެ ރޭވުމަކީ މުޖުތަމައު ބަލައިގަންނަ "ފުރިހަމަ" އަންހެނަކަށް ވުމެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އަޅުގަނޑުގެ އަންހެން ދަރިފުޅު އުފަންވިއެވެ. ވިހެއުމުގެ ކަންތައްތައް ދިޔައީ ވަރަށް ފަސޭހަކޮށެވެ. ފުރަތަމަ ނަޒަރުންވެސް އެ ދަރިފުޅުގެ ލޯ ތަފާތުކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. ނަމަވެސް ކުއްޖާ ފެންނަނީ ސިއްހަތު ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. ޑޮކްޓަރުންނާއި ނަރުހުންގެ މޫނުމަތިން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިހުސާސްވިއެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރު އައިސް އަޅުގަނޑުގެ އުމުރު އެހުމުން އަޅުގަނޑު ހައިރާންވިއެވެ. ދަރިފުޅު ބެލުމަށްފަހު ޑޮކްޓަރު ބުނީ ދަރިފުޅުގެ ކްރޮމޯސޯމްގައި އުނިކަމެއް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެ ވަގުތު މުޅި ދުނިޔެ އަޅުގަނޑުގެ ބޯމައްޗަށް ފައިބައިގެން އައި ކަހަލައެވެ. އަޅުގަނޑު ރޭވި "ފުރިހަމަ" އާއިލާއާއި، ދަރިފުޅާ މެދު ކުރި އުއްމީދުތައް ފުނޑުފުނޑުވެގެން ދިޔަ ކަހަލައެވެ. އެ ވަގުތު ހިތަށް އެރީ ކީރިތި ޤުރުއާނުގެ އާޔަތެކެވެ. "އަޅަމެން އީމާންވެއްޖެއީމުއޭ ބުނުމުން، އިމްތިހާނު ނުކުރެއްވި އެއުރެން ދޫކޮށްލައްވާނޭކަމަށް މީސްތަކުން ހީކުރަނީ ހެއްޔެވެ؟" (ޢަންކަބޫތު ސޫރަތް: 2).

ޢާއިޝާ އުފަންވި ދުވަހަކީ އަޅުގަނޑުގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ދުވަހެވެ. އޭރު އެއީ އަޅުގަނޑުގެ ދިރިއުޅުމުގެ އެންމެ ބޮޑު ނަސީބު ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިހާރު ޢާއިޝާއަށް ތިން އަހަރުވެއްޖެއެވެ. އޭނާއަކީ ނުހަނު ލޯބި، ހިތްގައިމު ކުއްޖެކެވެ. ވޭތުވެދިޔަ ތިން އަހަރަކީ އަޅުގަނޑުގެ ދިރިއުޅުމުގައި ކުރެވުނު އެންމެ މުހިންމު ތަޖުރިބާއެވެ. ޢާއިޝާގެ ކިބައިގައި "ޑައުން ސިންޑްރޯމް" ހުރި ނަމަވެސް، އެއީ އޭނާގެ މުޅި ޝަހުސިއްޔަތެއް ނޫނެވެ. ﷲ ތަޢާލާ އޭނާއަށް އެއް ދިމާލަކުން އުނިކަމެއް ދެއްވި ނަމަވެސް، އެހެން ގިނަ ކަންތައްތަކަކުން ލާމަސީލު ސިފަތަކެއް ދެއްވާފައިވެއެވެ. އޭނާއަކީ ނުހަނު ކެތްތެރި، ލޯބިވާ، އަދި އަބަދުވެސް އުފަލުގައި ހުންނަ ކުއްޖެކެވެ.

އޭނާގެ ކޮންމެ ކުރިއެރުމަކުން އަޅުގަނޑަށް ދަސްވީ ކެތްތެރިކަމާއި (ޞަބުރު) ޝުކުރުވެރިކަމެވެ (ޝުކުރު). ދޮށީ ދަރިފުޅު 12 މަހުގައި ހިނގަން ފެށުމުން އަޅުގަނޑު އެކަން މާ ބޮޑު ކަމަކަށް ނުހަދަމެވެ. ނަމަވެސް ޢާއިޝާ 18 މަހުގައި ފުރަތަމަ ފިޔަވަޅު އެޅި ދުވަހަކީ އަޅުގަނޑުމެންނަށް ބޮޑު އީދެއް ފަދަ ދުވަހެކެވެ. ކޮންމެ ކުޑަ ކަމަކީވެސް މާތް ﷲގެ ބޮޑު ނިޢުމަތެއްކަން އަޅުގަނޑަށް އިހުސާސްވިއެވެ.

ޢާއިޝާގެ ފަރާތުން އަޅުގަނޑަށް ދަސްވީ ތަވައްކަލް ކުރުމުގެ މާނައެވެ. ﷲގެ ރޭވުންތެރިކަމަށް ފުރިހަމައަށް އިތުބާރުކުރުމަކީ ކޮބައިކަން އަމަލީ ގޮތުން ފެނިގެންދިޔައެވެ. "އަލް-ޙަކީމް" (އެންމެ ބޮޑު ހިކުމަތްވަންތަ ރަސްކަލާނގެ) ގެ މާނަ އަޅުގަނޑަށް ވިސްނުނެވެ. ކޮންމެ ކަމެއްގެ ފަހަތުގައިވެސް ﷲގެ ހިކުމަތެއްވާކަން ގަބޫލުކުރެވުނެވެ.

މިއަދު އަޅުގަނޑު "ކާމިޔާބީ" މާނަކުރާ ގޮތް ވަނީ ބަދަލުވެފައެވެ. ކާމިޔާބީއަކީ ހަމައެކަނި ވަޒީފާއެއް ނުވަތަ ސެޓުފިކެޓެއް ނޫނެވެ. ހަގީގީ ކާމިޔާބީއަކީ ތަޤުވާވެރިކަމާއި، ރަނގަޅު އަޚުލާޤާއި، ﷲގެ މިންވަރުފުޅަށް ރުހުމެވެ. ދުނިޔެއަކީ އިމްތިހާނެކެވެ. ކޮންމެ ތަކުލީފަކާއި ނިޢުމަތަކީވެސް އިމްތިހާނެކެވެ. "ﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ތަކުލީފެއް ނުޖައްސަވަތެވެ." (ބަޤަރާ ސޫރަތް: 286).

ޢާއިޝާ ދެއްވިކަމަށްޓަކައި ﷲއަށް ޙަމްދުކުރަމެވެ. އޭނާއަކީ އަޅުގަނޑުގެ ދިރިއުޅުން ރަނގަޅު މަގަށް ބަދަލުކޮށްލި ނޫރެވެ. އަޅުގަނޑުގެ އާއިލީ ފޮޓޯ ފުރިހަމަކޮށްދިނީ ޢާއިޝާއެވެ. މި ދުނިޔެއަކީ "ފުރިހަމަ" ތަނެއް ނޫންކަމާއި، ފުރިހަމަކަން ވަނީ އާޚިރަތުގައިކަން މިހާރު އަޅުގަނޑަށް އެނގެއެވެ. "އަދި ހަމަކަށަވަރުން، އިސްވެދިޔަ ގޮވައްޗަށްވުރެ (އެބަހީ: ދުނިޔެއަށްވުރެ) ފަހުގެ ގޮވައްޗާއި (އެބަހީ: އާޚިރަތް) ކަމަނާއަށް މާ ހެޔޮކަން ބޮޑެވެ." (ޟުޙާ ސޫރަތް: 4).



ކިޔުންތެރިންގެ ހިޔާލު