މި ހިނގަމުންދާ ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި އާންމު ތަންތަނުގައި ކައިބޮއި ހެދި ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ.

މީގެ ތެރެއިން 25 އަހަރުގެ މީހާ ހައްޔަރުކުރީ ދުވާލު ގަޑީގައި މަގުމަތީގައި ޗުއިންގަމް ކައިގެން ކަމަށް އޭނާގެ ބަންދު އަމުރުން އެނގެއެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ. އޭނާއަކީ މީގެ ކުރިން ވެސް ބަންދު ރެކޯޑް އޮންނަ މީހެއްކަން ކޯޓު އަމުރުން ހާމަވެއެވެ.

މި މައްސަލައިގައި ހިމެނޭ 41 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. މި މީހާއަކީވެސް ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށް ފުލުހުން ހާމަކުރިއެވެ.

ރޯދަ މަހު ދުވާލު ވަގުތު ކެއުމަކީ މި ބަރަކާތްތެރި މަހުގެ ހުރުމަތް ކެނޑިގެންދާ ކަމަކަށްވާތީ ރާއްޖޭގައި ރޯދަމަހު ދުވާލު ވަގުތު އާންމު ތަންތަނުގައި ކައިބޮއި ހެދުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު