ބަރުދަން ލުއިކުރުމަށްޓަކައި ކަސްރަތުކުރުމާއި ކެއުން ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް، ދިރާސާތަކުން ދައްކާގޮތުގައި އަހަރެމެން ނިދާ ވަގުތަކީ ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތަށް ސީދާ ގޮތުން އަސަރުކުރާ ކަމެކެވެ. ވަކިން ހާއްސަކޮށް، ރޭގަނޑު 11 ޖެހުމުގެ ފަހުން ނިދުމަކީ ބަރުދަން ލުއިކުރުމަށް ހުރަސްއެޅޭ މައިގަނޑު އެއް ސަބަބެވެ.

ކަން މިހެން ދިމާވާ މައިގަނޑު ސަބަބުތަކަށް ބަލާލާއިރު، އެންމެ ފާހަގަކޮށްލެވެނީ ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކެވެ. ހަށިގަނޑުގައި ހައިވުމާއި ބަނޑުފުރޭކަން އިހުސާސްކޮށްދޭ ދެ ހޯރމޯން ކަމަށްވާ 'ލެޕްޓިން' އަދި 'ގްރެލިން' ގެ ބެލެންސް ގެއްލެނީ ނިދި މަދުވުމުން ނުވަތަ ލަހުން ނިދުމުންނެވެ. ރޭގަނޑު ލަސްވަންދެން ހޭލާ ހުރުމުގެ ސަބަބުން ހައިވުމުގެ އިހުސާސް އިތުރުކޮށްދޭ 'ގްރެލިން' ހޯރމޯން އިތުރުވެ، ބަނޑުފުރިފައި ހުރިކަން އަންގައިދޭ 'ލެޕްޓިން' ގެ މިންވަރު ދަށްވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރޭގަނޑު ދަންވަރު ކާން ބޭނުންވުމާއި، މާގިނައިން ކެވޭ ގޮތް ދިމާވެއެވެ.

ދެވަނަ ސަބަބަކީ 'ކޯޓިސޯލް' ނުވަތަ ސްޓްރެސް ހޯރމޯން އިތުރުވުމެވެ. ރޭގަނޑު 11 ގެ ފަހުން ހޭލާ ހުރުމަކީ ހަށިގަނޑަށް ލިބޭ ސްޓްރެސްއެކެވެ. މިކަމުގެ ސަބަބުން ކޯޓިސޯލް އިތުރުވެ، ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ކާނާ ހަކަތައަށް ބަދަލުކޮށްދޭ ނިޒާމު ލަސްވެގެންދެއެވެ. މީގެ އިތުރުން، ކޯޓިސޯލް އިތުރުވުމަކީ ހަށިގަނޑުގެ މެދުހަށީގައި ނުވަތަ ބަނޑުގައި ސަރުބީ ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ހަށިގަނޑުގެ 'ސާކޭޑިއަން ރިދަމް' ނުވަތަ ގުދުރަތީ ގަޑިއަށް ބަލާއިރު، ރޭގަނޑުގެ ވަގުތަކީ ހަށިގަނޑު އަމިއްލައަށް މަރާމާތުވެ، ސަރުބީ ވިރުވައިދޭ ވަގުތެކެވެ. ރޭގަނޑު 11 ގެ ކުރިން ނިދުމުން ހަށިގަނޑަށް ބޭނުންވާ 'މެލަޓޮނިން' ހޯރމޯން އެންމެ ފުރިހަމައަށް އުފެދި، ފުން ނިދި ލިބުމަށް އެހީތެރިވެދެއެވެ. ނަމަވެސް ލަހުން ނިދާނަމަ، ހަށިގަނޑުގެ އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވެ، ހަކުރުގެ މިންވަރު ކޮންޓްރޯލްކުރަން އުނދަގޫވެއެވެ. މިއީ ދިގު މުއްދަތުގައި ބަރުދަން އިތުރުވުމަށް ދިމާވާ ސަބަބެކެވެ.

ގިނަ ފަހަރަށް ރޭގަނޑު ލަހުން ހޭލާ ހުންނަ ވަގުތުތަކުގައި ކެވޭ ކާނާއަކީ ސިއްހަތަށް ފައިދާހުރި ކާނާއެއް ނޫނެވެ. އާންމުކޮށް ކެވެނީ ހަކުރު ނުވަތަ ކާބޯހައިޑްރޭޓްސް ގިނަ، "ޖަންކް ފުޑް" އެވެ. މިގޮތަށް ކެވޭ ކެއުންތަކުން ލިބޭ ކެލަރީ އަކީ ހަށިގަނޑުން ވިރުވައިލަން އުނދަގޫ ކެލަރީތަކެކެވެ.

ވީމާ، ބަރުދަން ލުއިކުރުމުގެ މަގްސަދު ހާސިލުކުރަން ބޭނުންނަމަ، ހަމައެކަނި ކެއުމާއި ކަސްރަތަށް ސަމާލުކަން ދިނުމުން ފުދޭކަށް ނެތެވެ. ރޭގަނޑު 11 ގެ ކުރިން ނިދުމަކީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ނިޒާމުތައް ހަމަ މަގަށް އަޅުވައި، ބަރުދަން ލުއިކުރުމަށް އެޅޭނެ އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ. ސިއްހަތަށް ފައިދާހުރި ދިރިއުޅުމަކަށްޓަކައި އަވަހަށް ނިދުމަށް އާދަކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު