ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ބައްޕަ، އަދި ކުރީގެ މަޝްހޫރު ސްކްރީން ރައިޓަރު ސަލީމް ޚާން، މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދާއިރު، އޭނާގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާއަށް ހިއްސާނުކުރުމަށް ސަލްމާން ޚާން ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް އަންގައިފިއެވެ.

މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސަލީމް ޚާން އަށް 'ބްރެއިން ހެމޮރޭޖް އެއް' ޖެހި އެކަމަށް ފަރުވާ ހޯދާފައިވާކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނީވެސް ވެންޓިލޭޓަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަލީމްގެ ސިއްހީ ހާލަތާ ގުޅުންހުރި މައުލޫމާތު ހޮސްޕިޓަލްގެ ފަރާތުން މީޑިއާގަކަށް ދެމުންދާތީ ސަލްމާން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ވަކިން ހާއްސަކޮށް، ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުން މީޑިއާތަކަށް މައުލޫމާތު ދެމުންދާކަން ފާހަގަވުމުން، އެކަން ހުއްޓުވުމަށް ސަލްމާން ވަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓުގައި އެދިފައެވެ.

ސަލްމާން ޚާން ވަނީ އޭނާގެ ބައްޕަގެ އަމިއްލަ ޕްރައިވެސީއާއި އާއިލާގެ މަސްލަހަތަށް އިސްކަންދިނުމަށް އެދިފައެވެ. އަދި ބަލިމީހާގެ ސިއްހީ ހާލަތަކީ ސިއްރު ހިފަހައްޓަންޖެހޭ ކަމަކަށް ވާއިރު، ހޮސްޕިޓަލުގެ ފަރާތުން އެފަދަ މައުލޫމާތުތައް އާންމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައިގައި ސަލްމާންގެ އާއިލާގެ ފަރާތުން ބޭނުންވަނީ ސަލީމް ޚާންގެ ހާލަތާ ގުޅޭ ރަސްމީ އެއްވެސް ބަޔާނެއް ނެރޭނަމަ، އެކަން އާއިލާގެ ފަރާތުން ސީދާ ކުރުމަށެވެ. މީގެ ކުރިންވެސް ސަލްމާން ޚާންގެ އާއިލާއަށް ކުރިމަތިވެފައިވާ ސަލާމަތީ ނުރައްކާތަކުގެ ސަބަބުން، އާއިލާގެ މެންބަރުންގެ ހަރަކާތްތަކާއި ހާލަތު ބޭރަށް އެނގުމަކީ ސަލްމާން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.

އުމުރުން 88 އަހަރުގެ ސަލީމް ޚާން ހޮސްޕިޓަލްގައި އެޑްމިޓުކޮށް ފަރުވާ ދޭން ފެށީ ފެބްރުއަރީ 17 ގައެވެ.



ކިޔުންތެރިންގެ ހިޔާލު