މަރްޔަމް ނަހްދާ ވަޙީދު   20 ފެބްރުއަރީ 2026 - 8:35
ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީގެ އާ ފިލްމު "އޯ ރޯމިއޯ" ބޮކްސް އޮފީހުގައި ކުރިއަށް ދަނީ ވަރަށް ދަށް ރޭޓިންގްތަކަކާ އެކުގައެވެ.

މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ރިލީޒްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، ފުރަތަމަ ހަފުތާ ނިމުނުއިރު ފިލްމުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މި ފިލްމުގެ ފުރަތަމަ ހަތް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަތްވަނަ ދުވަހު (ބުރާސްފަތި ދުވަހު) ފިލްމަށް ލިބިފައިވަނީ އެންމެ 2.2 ކްރޯޑް ރުޕީސްއެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރުވެސް ދަށް އަދަދެކެވެ. މިހާތަނަށް ފުރަތަމަ ހަފުތާގެ ޖުމްލަ އާމްދަނީއަކީ 47.16 ކްރޯޑް ރުޕީސްއެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު 8.35 ކްރޯޑް ރުޕީސް ލިބުނު ނަމަވެސް، ފުރަތަމަ ހަފުތާ ބަންދަށްފަހު ފިލްމަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށާފައެވެ. ހޯމަ ދުވަހު 3.2 ކްރޯޑް، އަންގާރަ ދުވަހު 2.7 ކްރޯޑް އަދި ބުދަ ދުވަހު 2.4 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

ފިލްމުގެ ވިޔަފާރި މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ބަލާ މީހުންގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާއި، ފިލްމުގެ ވާހަކަ ބަލައިގަންނަން އުނދަގޫވުން ކަމަށް ސިނަމާގެ މާހިރުން ބުނެއެވެ. ޝާހިދު ކަޕޫރުގެ ފިލްމަކަށް ލިބުނު މި ދަށް އާމްދަނީއަކީ އޭނާގެ ފަހުގެ ފިލްމުތަކާ އަޅާބަލާއިރު ކަންބޮޑުވާންޖެހޭ އަދަދެއް ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމު "ފްލޮޕް" އެއްގެ ގޮތުގައި ކަނޑައެޅުމާ ގާތްވެފައިވާއިރު، ކުރިއަށް އޮތް ހަފުތާގައި ބޮޑެތި އެހެން ފިލްމުތަކެއް ރިލީޒްވާން ހުރުމުން "އޯ ރޯމިއޯ" އަށް ބޮކްސް އޮފީހުގައި އިތުރު ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު