މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމު "ޓިކްޓޮކް" މެދުވެރިކޮށް އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކި މީހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ދިވެހި ފިރިހެނަކު ޓިކްޓޮކްގައި އާންމުކުރި ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގައި އޭނާ ވަނީ މާތްﷲ އޭނާއަށް ވަހީ ބާވާލައްވާ ކަމަށް ބުނެ، ވަހީ ބާވާލައްވަނީ ހަމައެކަނި ރަސޫލާއަށް ނޫން ކަމަށް ބުނެ ދީނަށް ބަދުބަސް ބުނެފައެވެ. މީގެ އިތުރުން، އޭނާއަކީ ޔޫސުފްގެފާނު ކަމަށް ބުނެ އަމިއްލައަށް ދައުވާކޮށް، ދީނުގެ އަސާސްތަކާ ފުށުއަރާ އަދި އިސްލާމީ އަގީދާއާ ހިލާފު ގިނަ ވާހަކަތަކެއް އޭނާ ވަނީ ދައްކާފައެވެ.

މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ އަގީދާ އާއި ކީރިތި ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދެއްކި މީހާގެ މައްސަލަ ބަލައި، އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މިދިޔަ އާދީއްތަ ދުވަހު ރަސްމީކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު