ކަނޑުމަގުން 30 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި 2 މީހުން ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ، މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަނޑުމަގުން ގެނައި މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ކަސްޓަމްސުން ބުނީ މި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރި އިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ފައްސިވެފައެވެ.

ކަސްޓަމްސްއިން ބުނީ އަތުލައި ގަނެވުނު މި ތަކެތީގެ ބަރުދަނުގައި ހުރީ ޖުމްލަ 36.4 ކިލޯގުރާމު ކަމަށެވެ. މި ތަކެތީގެ މަގުމަތީގެ އަގު 29 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. ނަމަވެސް،

މި މައްސަލައިގެ އަދާހަމަ ހާމަކުރަމުން ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި ފެބްރުއަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މ. މުލައް / މަދާރުގެ، ހަސަން މަފާޒު (26އ) އާއި، ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުހައްމަދު (35އ) ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އާންމުގޮތެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ވައިގެ މަގުން ކަމަށްވީ ނަމަވެސް، ދޭތެރެއަކުން ކަނޑުމަގުންވެސް ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރެއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ގާނޫނަށް ހަރުކަށި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބު ދެވޭގޮތަށް ގާނޫނު އިސްލާހުކޮށް، ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހު ފާސްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އިސްލާޙު ތަސްދީގު ކުރެއްވީ އެ މަހުގެ ހަވަނަ ދުވަހުއެވެ.

މިހާރު ޢަމަލު ކުރަމުންދާ ގާނޫނުގައިވާ ގޮތުން، ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ނުވަތަ އެފަދަ މާއްދާއެއް އެކުލެވޭ އެއްޗެއް 500 ގްރާމަށް ވުރެ ގިނައިން ރާއްޖެއަށް އެތެރެކޮށްފި ނަމަ އެ މީހަކަށް މަރުގެ އަދަބު ދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު