ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 30 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މާލޭގެ ވިޔަފާރި ބަނދަރުން ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ، މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަނޑުމަގުން ގެނައި މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރި އިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ފައްސިވެފައެވެ.

ކަސްޓަމްސްއިން ބުނީ އަތުލައި ގަނެވުނު މި ތަކެތީގެ ބަރުދަނުގައި ހުރީ ޖުމްލަ 36.4 ކިލޯގުރާމު ކަމަށެވެ. މި ތަކެތީގެ މަގުމަތީގެ އަގު 29 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަސްޓަމްސްއިން ސާފުކޮށްދީފައެއް ނުވެއެވެ.

އާންމުގޮތެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ވައިގެ މަގުން ކަމަށްވީ ނަމަވެސް، ދޭތެރެއަކުން ކަނޑުމަގުންވެސް ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރެއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ގާނޫނަށް ހަރުކަށި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބު ދެވޭގޮތަށް ގާނޫނު އިސްލާހުކޮށް، ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހު ފާސްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އިސްލާޙު ތަސްދީގު ކުރެއްވީ އެ މަހުގެ ހަވަނަ ދުވަހުއެވެ.

މިހާރު ޢަމަލު ކުރަމުންދާ ގާނޫނުގައިވާ ގޮތުން، ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ނުވަތަ އެފަދަ މާއްދާއެއް އެކުލެވޭ އެއްޗެއް 500 ގްރާމަށް ވުރެ ގިނައިން ރާއްޖެއަށް އެތެރެކޮށްފި ނަމަ އެ މީހަކަށް މަރުގެ އަދަބު ދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު