އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މަޝްހޫރު ޕޮޑްކާސްޓަރު ބްރަޔަން ޓައިލާ ކޯހެންއަށް ދެއްވި އިންޓަވިއުއެއްގައި، ބޭރު ދުނިޔޭގެ މަޚްލޫގުން ނުވަތަ އޭލިއަންސްއާ ގުޅޭގޮތުން މިހާތަނަށް ދެއްވި އެންމެ ސަރީހަ އެއް ޖަވާބު ދެއްވައިފިއެވެ.

އޮބާމާ ވިދާޅުވި ގޮތުގައި، އޭލިއަންސް އަކީ ހަގީގަތެކެވެ. ނަމަވެސް، އޭނާގެ ރިޔާސީ ދައުރުގައި އެފަދަ މަޚްލޫގަކު އަމަލީ ގޮތުން ފެނިވަޑައިގެންފައި ނުވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭލިއަންސްއާ ގުޅޭ ގޮތުން ދެކެވޭ އެކި ކަހަލަ ތިއަރީތަކަށް އަލިއަޅުއްވާލައްވަމުން އޮބާމާ ވިދާޅުވީ، އެމެރިކާގެ ސިއްރު އަސްކަރީ މަރުކަޒެއް ކަމަށްވާ "އޭރިއާ 51" ގައި އޭލިއަންސް ނުވަތަ އެ މީހުންގެ އުޅަނދުތައް ފޮރުވާފައި ނުވާ ކަމަށެވެ.

އޮބާމާ އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ބިންގަަރަސްގެއްގައި އެފަދަ އެއްޗެއް ފޮރުވާފައި ހުރި ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

އަދި އެފަދަ ކަމެއް ހިނގާނަމަ، އެއީ އެމެރިކާގެ ރައީސަށްވެސް ސިއްރުން ހިންގާ ވަރަށް ބޮޑު "ކޮންސްޕިރަސީ" އެއްގެ ގޮތުގައި ނޫނީ ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ވާހަކަފުޅުތަކާއެކު، އުދުހޭ ތަބަކާއި ބޭރު ދުނިޔޭގެ މަޚްލޫގުންނާ ބެހޭގޮތުން އާންމުންގެ މެދުގައި އޮތް ޝައުގުވެރިކަން ވަނީ އަނެއްކާވެސް އިތުރުވެގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު