މިހާރަކަށް އައިސް ކުރެވުނު ނިއުރޮލޮޖިކަލް ދިރާސާތަކުން ދައްކާގޮތުގައި، އެކަހެރިކޮށް އުޅުމަކީ ހަމައެކަނި އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެއް ނޫނެވެ.

ނަފްސާނީ ގޮތުން މީހާ ބަލިކަށިވުމުގެ އިތުރުން، މިއީ ސިކުނޑީގެ އޮނިގަނޑަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެއްކަން މިހާރު ވަނީ ހާމަވެފައެވެ. ސައިންސްވެރިން ބުނާގޮތުގައި މިފަދަ ނުރައްކާތެރި ބަދަލުތައް އިންސާނާގެ ސިކުނޑިއަށް އަންނަން ފަށަނީ އެކަހެރިކޮށް އުޅޭތާ ަމަދު ހަފްތާތަކެއްގެ ތެރޭގައެވެ.

އެންޓާކްޓިކާގައި ދިިރާސާކުރާ ޓީމުތައް 14 މަސް ދުވަހުގެ މުއްދަތަށް އެކަހެރިކޮށް ބައިތިއްބައިގެން ކުރި ދިރާސާއަކުން ފާހަގަވީ، އެ މީހުންގެ ސިކުނޑީގައި ހިމެނޭ 'ބްރެއިން-ޑިރައިވްޑް ނިއުރޯޓްރޮފިކް ފެކްޓަރ' ނަމަކަށް ކިޔާ މުހިންމު ޕްރޮޓީނެއް ވަރަށް ބޮޑަށް މަދުވެފައިވާ ކަމެވެ.

މި ޕްރޮޓީނަކީ ސިކުނޑީގެ ނިއުރޯންތައް ދިރުވައި އާލާކުރުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. މީގެ ސަބަބުން، އުނގެނުމާއި ހަނދާން ބެހެއްޓުމުގެ މައި މަރުކަޒު ކަމަށްވާ 'ހިޕޯކެމްޕަސް' ކުޑަވެ، ސިކުނޑި ހިކެން މެދުވެރިވާކަން މި ދިރާސާއިން ވަނީ ކަށަވަރުވެފައެވެ.

ކުރު މުއްދަތަކަށް، މިސާލަކަށް ދެ ހަފްތާއެއްހާ ދުވަހަށް އެކަހެރިވެލުމުން ސިކުނޑިއަށް ލިބޭ ގެއްލުމަކީ އަލުން ރަނގަޅު ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ދިގު މުއްދަތަކަށް އެކަހެރިކޮށް އުޅުމުން ސިކުނޑީގެ 'ކޯޓިކަލް' ސަރަހައްދުތައް ތުނިވެ، މީހާގެ ވިސްނުމާއި، ހަނދާން ބެހެއްޓުމާއި، ކަންކަމަށް ސަމާލުކަން ދިނުން ފަދަ ކަންކަމަށް ދާއިމީ ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މި ހޯދުންތަކުން އެނގިގެންދަނީ އިންސާނާގެ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެހެން މީހުންނާ މުއާމަލާތްކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމެވެ.



ކިޔުންތެރިންގެ ހިޔާލު