މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ ކޮންމެ އިސްލާހަކީ ކައުންސިލްތަކުގެ ބާރުތައް "ދަމައިގަތުމަށް" ކުރާ މަސައްކަތެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ނިޒާރު މިހެން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން "ހޭވައްލާ ތައްޔާރު" ކެމްޕޭން ލޯންޗުކުރުމަށް އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމަށް އައި ފަހުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެދެވޭ އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މޭޔަރު ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމުގެ ބަދަލުގައި ފެންނަމުންދަނީ ނިޒާމު ބަލިކަށިކޮށް، މަރުކަޒީ ބާރުވެރިކަން އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ވަކިން ހާއްސަކޮށް، އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމި ނިންމުމަކީ މި ނިޒާމުގެ ތަޖުރިބާކާރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ނިންމާފައިވާ، ނިޒާމަށް ދިން ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނިޒާރު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މި ސަރުކާރުން މިހާތަނަށް "ގާބުރިއެއްވެސް ހަލުވާލާފައި" ނުވާ ކަމަށެވެ.

އަދި މިފަދަ އިހުމާލުތަކެއްގެ ތެރޭގައި އޮވެ، ޕީއެންސީގެ ކެންޑިޑޭޓުން "ލަދެއް ހަޔާތެއް ނެތި" ރައްޔިތުންގެ ކިބައިން ވޯޓަށް އެދެމުންދާތީ އެކަމާ ނިޒާރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވާހަކަ ނިންމާލަމުން މޭޔަރު ނިޒާރު ވިދާޅުވީ، ސަރުކާރުގެ މިފަދަ އިހުމާލުތަކަށް ރައްޔިތުން "ނޫނެކޭ" ބުނަން ޖެހޭ ކަމަށެވެ. އަދި ގައުމާއި ރަށުގެ މުސްތަގުބަލަށްޓަކައި އެމްޑީޕީގެ ތިލަފަތަށް ވޯޓު ދިނުމަކީ ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު