ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް 5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އަބްދުުލް ލަތީފް ބަލޫޗްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެވެ. ނަމަވެސް، އޭނާ ވަނީ ޝަރީއަތުގައި ދައުވާއަށް އިންކާރުކޮށްފައެވެ.

މިމައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ވަނީ، 12 މާރިޗު 2024 ގައި ގަތަރު އެއާވޭޒްގެ ފްލައިޓަކުން އޭނާ ރާއްޖެ އައުމުން، އޭނާގެ ހާޒިރުގައި ކަސްޓަމްސް އޮފިސަރުން އޭނާގެ ފޮށިތަންމަތި ފާސްކުރިއިރު، ކަޅު ކުލައިގެ ދަބަހެއްގެ ތެރޭގައި ފޮރުވާފައި ހުރި 5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކޯޓު ހުކުމުގައި ބުނެފައިވަނީ، އެ ދަބަސް ލަގެޖް ބެލްޓް މަތީގައި ބާއްވާފައި އޮތް ނަމަވެސް، ދަބަހުގައި އިން ޓެގުން އެއީ އަބްދުލް ލަތީފްގެ ނަމުގައި ޗެކިން ކޮށްފައިވާ ދަބަހެއްކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން، އެ ދަބަހުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އޭނާ އުފުލަންޖެހޭނެ ކަމަށް ކޯޓުން ނިންމިއެވެ.

މި މައްސަލައިގެ ހުކުމް އިއްވިއިރު، އަބްދުލް ލަތީފް ބަންދުގައި ހޭދަކުރި އެއް އަހަރާއި 11 މަހާއި 10 ދުވަސް ވަނީ ހުކުމުގެ މުއްދަތުން އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 23 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.

ޖަލު ހުކުމުގެ އިތުރުން، 12 މަސް ދުވަހުގެ ތެރޭގައި 2 މިލިއަން ދިވެހި ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް