އިދިކޮޅު އެމްޑީޕީގެ ދެ ވެރިކަމުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި އަލަށް މިސްކިތެއް ބިނާކޮށް ހުޅުވާފައި ނުވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސްގެ ތެރެއިންނެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ އެމްޑީޕީއަކީ ދީނާ ދުރު ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވައި، ނިމިދިޔަ ސަރުކާރުގައި މިސްކިތްތައް ބިނާކުރުމަށް ފައިސާ ނެގުމަށްފަހު އެ މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ވެރިކަންތަކުގައި މިސްކިތްތަކާ މެދު އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.

ފަލާހު މިފަދަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާކޮށް، ގިނަ މިސްކިތްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވުނު މި ބިލަކީ މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހުށަހެޅިފައިވާ މުހިންމު އިސްލާހެކެވެ.



ކިޔުންތެރިންގެ ހިޔާލު