ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަދި މިހާރުގެވެސް އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

"ވިޔަފާރިއަށް ފަހި" ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަންކަން ކުރަން މަޑުކޮށްގެން ތިބި ތިބުމުގައި، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެއްވެސް ތަރައްޤީގެ މަޝްރޫޢެއް ހިނގާފައި ނުވާ ކަމަށެވެ. އެހެންކަމުން، ސިޓީގެ ކުރިއެރުމަށް އެއްވެސް ފައިދާއެއް ނުކުރާ އެފަދަ "އިރުޝާދުތަކުގެ" ދަށުން މަސައްކަތްކުރާނެ ކައުންސިލެއް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފްގެ ވާހަކަފުޅުގައި އެމްޑީޕީގެ ކައުންސިލްތަކުން ރަށްރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މިހާރު ހިނގަމުންދާ ކައުންސިލް ދައުރުގައިވެސް އެމްޑީޕީގެ ކައުންސިލްތަކުން ރަށްރަށަކީ ވިޔަފާރިއަށް ފަހި ތަންތަނަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފެންނަން އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުޅުދުއްފުށީގައިވެސް އޭނާއާއެކު އެމްޑީޕީގެ ކައުންސިލުން މި ދައުރުގެ ތެރޭގައި ސިޓީގެ ތަރައްޤީއަށްޓަކައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ ޔަގީންކަން އާތިފް އެރުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ތަޞައްވުރަކީ ވިޔަފާރިއަށް ފަހި، އިޤްތިޞާދީ ގޮތުން ބާރުވެރި ސިޓީތަކާއި ރަށްތަކެއް ބިނާކުރުން ކަމަށް އާތިފް ވިދާޅުވިއެވެ.

ސަރުކާރުގެ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާނެ ކައުންސިލެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އާތިފް ވަނީ ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިތުބާރު ކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު