އިސްރާއީލުން ޣައްޒާގައި ބޭނުންކުރަމުންދާ ބާރުގަދަ ތާމަލް ހަތިޔާރުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ފަލަސްތީީނު ރައްޔިތުން "އާތްވަށް" ވެގެން ގޮސްފައިވާ ކަމަށް އަލްޖަޒީރާއިން ކުރި ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އިސްރާއީލުން ބޭނުންކުރާ އެމެރިކާގައި އުފައްދާފައިވާ މި ބޮންތަކަކީ 3،500 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީ ހޫނުމިނެއް އުފައްދާ ބޮންތަކެކެވެ. މިހާ ބޮޑު ހޫނުމިނެއްގެ ސަބަބުން އިންސާނާގެ ހަށިގަނޑު އެއްކޮށް އަނދައި، އެއްވެސް ނިޝާނެއް ނެތި ފޮހެވިގެންދެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް ޓީމުތަކުން ހާމަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 2،842 މީހެއްގެ ހަށިގަނޑު ފެންނާކަށް ނެތެވެ. މި މީހުން ތިބި ތަންތަނަށް ބޮން އެޅުމުން، އެ މީހުންގެ ހަށިގަނޑުން ބައެއް ފެނުމުގެ ބަދަލުގައި ފެންނަން ހުރީ ހަމައެކަނި ލޭގެ ތިކިތަކެއް ނުވަތަ ވަރަށް ކުޑަ ކުޑަ ކަށިކޮޅުތަކެކެވެ.

މީގެ ސަބަބުން މަރުވި މީހުން ދެނެގަތުމަށާއި، އިސްލާމީ އުސޫލުން އެ މީހުން ވަޅުލުމަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ސިވިލް ޑިފެންސްއިން ބުނާ ގޮތުގައި، ގިނަ އާއިލާތަކުން އެމީހުންގެ މެންބަރުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރަނީ މި ސަބަބާ ހުރެއެވެ.

މި ތަހުގީގުން ދައްކާ ގޮތުގައި އިސްރާއީލުން ބޭނުންކުރާ ބޮންތަކުގެ ތެރޭގައި އެމް.ކޭ-84 "ހެމަރ" ބޮމާއި، ބީ.އެލް.ޔޫ-109 ބަންކަރ ބަސްޓަރ ފަދަ ނުރައްކާތެރި ހަތިޔާރުތައް ހިމެނެއެވެ.

މިއީ އާންމު ހަނގުރާމަތަކުގައި ބޭނުންކުރާ މިންވަރަށް ވުރެ މާ ބާރުގަދަ، އިންސާނީ ހަށިގަނޑު އެއްކޮށް ނައްތާލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރުތަކެކެވެ. މިފަދަ ހަތިޔާރުތައް އާންމުން ދިރިއުޅޭ ތަންތަނުގައި ބޭނުންކުރުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ބުނަމުންނެވެ.

މި ހިތާމަވެރި ހާލަތުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާއިލާގެ މެންބަރުންގެ ހަށިގަނޑު ނުފެނުމާއި، ވަޅުލާނެ ސަންދޯކެއް ނުވަތަ މަހާނައެއް ނެތުމުގެ ސަބަބުން، ގެއްލިފައިވާ މީހުންގެ އާއިލާތަކަށް ލިބޭ ހިތާމަ ވަނީ އިތުރުވެފައެވެ. އަލްޖަޒީރާގެ މި ރިޕޯޓާ އެކު، އިސްރާއީލުން ހިންގާ މި އަމަލުތައް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު