އިންޑިއާގެ ފިލްމީ ދާއިރާގައި ނުހަނު ބާރަށް ކުރިއަށްދާ މަގުބޫލު ބަތަލާ ރަޝްމިކާ މަންޑަންނާގެ މުޅިން ތަފާތު ހުނަރުތަކެއް ފެނިގެންދާނެ އާ ފިލްމު "މައިސާ" ގެ ފުރަތަމަ ޕޯސްޓަރާއި ޓީޒާ އާންމުކޮށްފިއެވެ.

"ޕުޝްޕާ 2"، "އެނިމަލް" އަދި "ޗަވާ" ފަދަ ފިލްމުތަކުން އޭނާގެ މޮޅު އެކްޓިންގ ދައްކާލުމަށްފަހު، މިފަހަރު ރަޝްމިކާ ކުރިމަތިލަނީ އަންހެން ފައިޓަރެއްގެ ވަރުގަދަ ރޯލަކުންނެވެ. ޓީ-ސީރީޒް އިން ހަތަރު ބަހުރުވަ އަކުން ދައްކާލި މި ފިލްމުގެ ފުރަތަމަ ޓީޒާ އިން ފެނިގެންދަނީ އިންޑިއާގެ ފިލްމީ ތާރީޚުގައި އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭނެ ފަދަ ވަރުގަދަ އިޝާރާތްތަކެކެވެ. މިއީ ހަމައެކަނި ރަޝްމިކާގެ ކެރިއަރަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، އަންހެނުން އިސްކޮށް ހަރަކާތްތެރިވާ އެކްޝަން ފިލްމުތަކަށް އޮތް ބޮޑު ފުރުސަތެއްގެ ގޮތުގައި ފިލްމީ މާހިރުން ސިފަކުރެއެވެ.

ފިލްމުގެ އާ ޕޯސްޓަރުން ރަޝްމިކާ ފެންނަނީ މުޅި ގައިގައި ލޭ އުނގުޅިފައިވާ، ވަރުގަދަ މޫނަކާއެކުގައެވެ. ކަޅު އިސްތަށިގަނޑަކާއި އަތުން ކަނޑިއެއް ހިފަހައްޓައިގެން ހުރި އިރު، އޭނާގެ ނަޒަރު ހުރީ ދުޝްމަނުންނާއި އަނިޔާވެރި ބާރުތަކާ ދެކޮޅަށް ހަނގުރާމައަކަށް ގޮވާލާ ފަދަ ގޮތަކަށެވެ. "މައިސާ" ގެ ކެރެކްޓަރ އިން ފާހަގަވަނީ އޭނާގެ ކެރުމާއި ހިތްވަރެވެ. މިއީ އޭނާގެ ފަހަތުގައި މާ ވަރުގަދަ ބަޔަކު ނެތި، އެކަނި ނިކުމެ ބަދަލުހިފުމުގެ ރޫޙެއްގައި އުޅޭ އަންހެން ހަނގުރާމަވެރިއެއްގެ ވާހަކައެވެ.

މި ފިލްމާއެކު މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ބޮކްސް އޮފީހުގައި ރަޝްމިކާ ފަދަ އަންހެން ބަތަލާއަކު މުޅި ފިލްމު އަމިއްލަ ކޮނޑުގައި އަޅައިގެން ސިނަމާތަކުގައި ހިފަހައްޓާލެވޭނެ މުއްދަތާ މެދުގައެވެ.

ފިލްމުގެ ޑައިރެކްޓަރު ރަވިންދްރާ ޕުލޭ ބުނީ، އެއްވެސް ކަމަކަށް ދޫނުދީ، އަނިޔާވެރިކަމާއި ލޭ އޮހޮރުވުންތައް ހިމެނޭ ފިލްމަކަށް "މައިސާ" ހަދާފައިވާ ކަމަށެވެ. އޭގެއިތުރަށް އޭނާބުނީ، ފިލްމުގެ ބަރުދަން އުފުލަނީ ހަމައެކަނި އަނިޔާވެރިކަން ދައްކައިގެން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ފިލްމުގެ ވާހަކަ ކިޔައިދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"މައިސާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު، މުޅި އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައެވެ. މި ފިލްމަކީ ރަޝްމިކާގެ ފިލްމީ ހަޔާތުގައި އާ ސޮފްހާއެއް ހުޅުވިގެންދާނެ އުންމީދީ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު