ހައިކޯޓަށް ދެ ފަނޑިޔާރަކާއި، ކްރިމިނަލް ކޯޓަށް ޤާޟީއަކު އައްޔަންކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ޖޭއެސްސީން ބުނީ ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް އައްޔަންކޮށްފައިވާ ދެ ފަނޑިޔާރުންނަކީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމް އާއި އިސްމާއީލް ޝަފީއު ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ އަހްމަދު ނިޔާޒެވެ.

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް އިއުލާނުކުރީ، ހައިކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެން ދެ މަގާމު ހުސްވުމުންނެވެ.

ފަނޑިޔާރު އަބްދުލްރައޫފު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރަށްވައި، ޝަރުއީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ. ފަނޑިޔާރު ރައޫފަކީ 10 އަހަރަށްވުރެ ގިނަ ދުވަހު ހައިކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު، ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވުމަށް ފަހު، ރައޫފު ފަހުން ވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަށްވާފައެވެ. ނަމަވެސް، ކެޔޮދޫ ދާއިރާގެ އިންތިހާބުން ރައޫފަށްވީ ނާކާމިޔާބެވެ.

ފަނޑިޔާރު އިސްމާއީލް ޝަފީއު ވަނީ އިނގިރޭސި ވިލާތުގެ ކާޑިފް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފަ އެވެ. ޝަރުއީ ދާއިރާގައި ހަތް އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރަށްވާފައިވާ އިސްމާއީލް ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނުއިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ.

އަހުމަދު ނިޔާޒު ވަނީ ވިލާ ކޮލެޖް އިން ބެޗްލާ އޮފް ލޯ (އޮނާސް) ޙާސިލްކުރައްވާފަ އެވެ. ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ނިޔާޒު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު