ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 80 ޕަސެންޓަށް ވުރެ މަތިން ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާ ވެރިއެއް ކަމަށާއި، ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލްތަކެއްގެ ބޭނުންތެރިކަން ބޮޑު ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު މީގެ ކުރިން އަބަދުވެސް އޮތީ އެމްޑީޕީ އަތުގައި ކަމަށް ވިޔަސް، މިފަހަރު އެ ވިސްނުން ބަދަލުކޮށް ޕީއެންސީގެ ޓީމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ބައެއް ދާއިރާތަކަށް ވާދަކުރާނެ މީހުން އިދިކޮޅު ޕާޓީގައި ނެތުމުގެ ސަބަބުން ޕީއެންސީއަށް "ފްރީ" ގޮނޑިތަކެއް ވަނީ ކަށަވަރުވެފަ އެވެ.

އަދި ރައީސް މުއިއްޒުގެ ޒައާމަތަކީ ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ތަރައްގީއެއް ގެނެސްދޭނެ ދުވަސްތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު