މީގެ 14 އަހަރު ކުރިން، 7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހުގެ ހެނދުނު 8:00 ހާއިރު ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ހާދިސާތަކަކީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މެދުގައި މިހާތަނަށް ހިނގި އެންމެ ވަރުގަދަ އަދި ނުރައްކާތެރި ހަމަނުޖެހުމެވެ. މި ކުރިމަތިލުން ފެށިގެން ދިޔައީ ސިފައިންގެ ސަފުތަކުގެ ތެރެއިން ފުލުހުންނާ ދިމާއަށް އެއްލި ކަރުނަ ގޭސް ކެނިސްޓަރަކާއެކުގައެވެ.

ދެ ފަރާތުން ވެސް ކަރުނަ ގޭހާއި މުގުރުގެ ބޭނުންކޮށް، މުޅި ޖުމްހޫރީ މައިދާން ދުމުން ފޮރުވާލިއިރު، ސިފައިން ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުޒާހަރާގެ ބައިވެރިންނާއި ނުކިޔަމަންތެރިވި ފުލުހުންނާ ދެކޮޅަށް ރަބަރު އުންޑަ ވެސް ބޭނުންކޮށްފައެވެ.

މި ނުތަނަވަސް ދަނޑިވަޅުގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުންނެވީ ބަނޑޭރިކޮށީގެ ކުޑަދޮރަކުން ބޭރު ބައްލަވާށެވެ.

ފުލުހުން ސިޔާސީ ބައެއް ބޭފުޅުންނަށް އަނިޔާކުރާ މަންޒަރު ފެނިވަޑައިގަތުމުން ކޯފާ އިސްވެ، ރައީސް ނަޝީދު ވަނީ ސިފައިންގެ މައި ދޮރުމައްޗަށް ނުކުމެވަޑައިގެން، ފުލުހުންނާ ކުރިމަތިލުމަށް ސިފައިންނަށް ސީދާ އަމުރު ކުރައްވާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ސިފައިންގެ އެންމެ މަތީ ވެރިޔާ، ސިފައިންގޭގެ ތެރޭގައި ހުންނަވައިގެން ސިފައިންނަށް މިފަދަ ހަރުކަށި އަމުރެއް ސީދާކޮށް ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސްގެ ސީދާ އަމުރުފުޅަށް ސިފައިން ނުކުމެ ފުލުހުންނާ ކުރިމަތިލި ނަމަވެސް، އެ ކުރިމަތިލުންތަކުން ސިފައިންނަށް ކާމިޔާބެއް ނުލިބުނެވެ. ފުލުހުންނަކީ މިފަދަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ފަންނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ވުމާއި، އެ ވަގުތު ފުލުހުންގެ ފަހަތުގައި އާންމުންގެ އެތައް ސަތޭކަ ބަޔަކު ސަފުތައް ރުކުރުވާލައިގެން ތިބުމުން، ސިފައިންނަށް މަޖުބޫރުވީ ފަހަތަށް ޖެހޭށެވެ.

ގަޑިއެއްހާއިރުގެ ވަރުގަދަ ހަމަނުޖެހުންތަކަށްފަހު، ހެނދުނު 8:45 ހާއިރު ސިފައިން ސިފައިންގޭގެ ދޮރާ ހިސާބަށް ފަހަތަށް ޖެހި، ކާމިޔާބު ނުލިބޭނެކަން ކަށަވަރުވިއެވެ. މި ނާކާމިޔާބީއާއެކު، ރައީސް ނަޝީދުގެ ވެރިކަމުގެ އެންމެ ފަހު ވަގުތުތައް ގުނަން ފެށުނުކަން ތާރީޚުން ހެކިދެއެވެ.

މިއީ ރާއްޖޭގެ މިފަހުގެ ތާރީހެއްގައި ސަރުކާރާ ދެކޮޅަށް ހިންގި އެންމެ ބޮޑު ހަރަކާތުގެ ނިމުން އައި ގޮތެވެ. އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި އޭރު އޮތް ސަރުކާރާ ދެކޮޅަށް ތިން ހަފުތާއަށްވުރެ ގިނަ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ނަތީޖާ އަކީ 7 ފެބްރުވަރީ ގެ ތާރީޚީ ހަނދާން ތަކެވެ. މި ލިއުމުގައި އެވަނީ އެދުވަހުގެ ނާޒުކު ހިނދުކޮޅެއްގެ ހަނދާން ތަކެވެ.



ކިޔުންތެރިންގެ ހިޔާލު