މެންބަރު މާއުރޫފް
މެންބަރު މާއުރޫފް
މިހާރުގެ ސަރުކާރުން ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ނިޒާމީ ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، ރައްޔިތުންގެ ތާއީދު އޮތް ކަމަށް ބުނެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނަކީ އިތުރުފުޅުތަކާއި އޮޅުވާލުންތަކުން ފުރިގެންވާ ބަޔާނެއް ކަމަށާއި، އެއީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާން ކަމުގައި ސިފަކުރެއްވިދާނެ ކަމަށެވެ.

މައުރޫފްގެ ވާހަކައިގައި ބާރުތައް ޖަމާކުރައްވައިގެން ރައީސް މަސައްކަތް ކުރައްވަންގެންދަވަނީ ވެރިކަމުގެ އިތުރު ދައުރެއް ކަށަވަރު ކުރެއްވުމަށް ކަމަށް ތުހުމަތު ކުރެއްވިއެވެ.

އަދި އިންތިހާބުތައް އެއްކޮށްލުމާއި ހަރަދު ކުޑަކުރުމުގެ ނަމުގައި ރިފަރެންޑަމެއްގެ ވާހަކަ ދައްކަނީ ރިޔާސީ ދައުރު ދަންމާލުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މައުރޫފް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ އިންތިހާބުތަކުގައި ސަރުކާރަށް "ނޫނެކޭ" ނުބުނެފިނަމަ، 2028 ވަނަ އަހަރާ ހަމައަށް ވޯޓު ފޮއްޓަކާ ހަމައަށް ނުގޮސް ވެރިކަން ދަންމާލުމަށް މަސައްކަތް ކުރުމުގެ ބިރު އެބައޮތެވެ.

މީގެ އިތުރުން، ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ފާޑުވިދާޅުވަމުން މައުރޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫއު ފަދަ ކަންކަމަކީ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް އުޅެވޭވަރުގެ ބޯހިޔާވަހިކަމެއް ގާއިމުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. ގައުމުގެ މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި 700 މިލިއަން ޑޮލަރުގެ "ވެނިޓީ" މަޝްރޫއުތަކަށް ބޮޑެތި ލޯނުތައް ނަގައިގެން ހަރަދު ކުރަނީ ކޮން ސަބަބަކާ ހުރެތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވާހަކަ ނިންމަވާލައްވަމުން މައުރޫފް ވަނީ، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ވަގުތީ ވަޒީފާތަކާއި ފައިސާ ބެހި ނަމަވެސް، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ގޮވާލައްވާފައެވެ. އަދި ގައުމުގެ މުސްތަގުބަލަށްޓަކައި އެމްޑީޕީގެ ކައުންސިލަރުން އިންތިހާބު ކުރުމަކީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަން ހާމަކުރުމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު