އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗާގޯސް އައިލެންޑްސް (ފޯޅަވަހި) ގެ މިނިވަންކަން މޮރިސަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ މި އެއްބަސްވުމަކީ "ބޮޑު މޮޔަކަމެއް" ކަމަށް ސިފަކުރައްވައި، އެމެރިކާއިން އެކަމަށް އޮތް ތާއީދު އަނބުރާ ގެންދަފާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް، އިނގިރޭސި ބޮޑުވަޒީރު ސަރ ކޭއާ ސްޓާމަރާއެކު ބޭއްވި މަޝްވަރާތަކަށްފަހު، މިއީ ހެދިދާނެ އެންމެ ރަނގަޅު އެއްބަސްވުން ކަމަށް ޓްރަމްޕް މިހާރު ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ފޯޅަވަހީގެ އިސްތިގުލާލު މޮރިސަސްއަށް ލިބުނު ނަމަވެސް، އެ ސަރަހައްދުގައި އޮންނަ ސްޓްރެޓެޖިކް ގޮތުން މުހިންމު ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު އިނގިރޭސިވިލާތާއި އެމެރިކާއަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރީ މަރުކަޒަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އެތަން ރައްކާތެރިކުރުމަށް އެމެރިކާއިން ފިޔަވަޅު އަޅާނެއެވެ. އަދި ތިމާވެށީގެ ނަމުގައި ނުވަތަ އެހެންވެސް ބަހަނާއެއްގައި އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ހުރަސްއެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އިންޒާރު ދެއްވާފައެވެ.

މި މައްސަލައަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅިފައިވާ ކަމަކަށްވާތީ، ރާއްޖެއިންވެސް ދަނީ މިކަމުގައި ވަކާލާތު ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ މި ނިންމުމާއެކު، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒު ކުރުމުގެ މަގު މިހާރު ވަނީ އިތުރަށް ތަނަވަސްވެފައެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކުރިން ނިންމާފައިވީ ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވާފައިވަނީ އިއްޔެގެ ރިޔާސީބަޔާނުގައެވެ. ހަމަ އެއާގުޅިގެން އެ ސަރަހައްދު ހިމާޔަތްކޮށް ސިފައިން ބަލަހައްޓަމުންދާނެ ކަމަށް، ޑިފެންސް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.

އިއްޔެ އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވީ ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށެވެ. އެހެންކަމުން 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ޚާއްސަ އިގުތިޞާދީ ސަރަހައްދު ކަމަށެވެ. އެގޮތުން ޖުލައި 31، 1976 ގައި ރާއްޖޭން ވެފައިވާ "ޑިޓަމިނޭޝަން އޮފް ދަ ޓްރައިޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން ގައުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްބަސްވުމެއް ނުވާ ކަމަށެވެ. ރާއްޖޭގެ އުތުރުން ޑީލިމިޓްކޮށްފައިވާ ސަރަހައްދު ފިޔަވައި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ގާނޫނުގައިވާ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ވުމާއެކު، އެ ސަރަހައްދު ސިފައިންގެ ގާބިލުކަން ތަންދޭ މިންވަރަކުން އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާއި ސާބިތުކަމާއެކު ބަލަހައްޓަމުންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ ސަރުކާރުގައި "ގެއްލުނު ކަނޑު" ހޯދައިދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް މުޢިއްޒު އިއްޔެ ވިދާޅުވިގޮތުގައި ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ދިރާސާކުރުމަށް ބަންޑާރަ ނައިބަށް މިހާރުވާނީ އަންގަވާފައެވެ. އަދި އެކަމަށް އެކުލަވައިލި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހުގެ 22 ވަނަ ދުވަހު ލިބިވަޑައިގެންފައިވާ ކަމުގައެވެ. އަދި ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު