ލޭޑީސް ފިންގަރ
ލޭޑީސް ފިންގަރ
ދިވެހިންގެ ކެއުމުގެ އާދަކާދަތަކަށް ބަލާއިރު، "އޮކްރާ" ނުވަތަ އާންމު ނަމުންނަމަ "ލޭޑީސް ފިންގަރ" އަކީ ގިނަ ބަޔަކު ގަޔާވާ، ރަހަ މީރު އަދި ހަށިގަނޑަށް ބޭނުންތެރި އެތައް ފައިދާތަކެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. މިއީ އަގުހެޔޮ، ހޯދަން ފަސޭހަ އެއްޗަކަށް ވާއިރު، ގުދުރަތީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ އަދި ސަގާފީ ކެއުންތަކާ ވެސް ވަރަށް ބޮޑަށް ގުޅޭ ތަރުކާރީއެކެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ލޭޑީސް ފިންގަރ އަކީ ފައިބަރ، ވިޓަމިން، އަދި އެންޓިއޮކްސިޑެންޓްސްގެ މުއްސަނދި މަސްދަރެކެވެ. މީގެ ސަބަބުން ހަށިގަނޑަށް އެތައް ގޮތަކުން އެހީތެރިކަން ލިބިގެންދެއެވެ.

ހަޖަމުކުރުމާއި ގޭސްޓްރިކް މައްސަލަތަކަށް ހައްލެއް

ލޭޑީސް ފިންގަރއިން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ހަޖަމުކުރުމުގެ ނިޒާމަށް ލިބޭ ކުރިއެރުމެވެ. އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމަކީ ބަނޑުހައިވުން ހުއްޓުވައިދީ، ހަޖަމުކުރުމުގެ ނިޒާމު އޮމާންކޮށް ހިންގުމަށް އެހީތެރިވެދޭ ކަމެކެވެ. ދިވެހިންގެ ތެރޭގައި އާންމުކޮށް ފެންނަ ގޭސްޓްރިކް އަދި އެސިޑިޓީ ފަދަ އުނދަގޫތަކާ ކުރިމަތިލާ މީހުންނަށް މިއީ ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ތަރުކާރީއެކެވެ.

ހަކުރުބައްޔާއި ހިތުގެ ސިއްހަތު

ހަކުރުބަލި މެނޭޖްކުރަން ބޭނުންވާ ފަރާތްތަކަށް ލޭޑީސް ފިންގަރ އަކީ "ސްމާޓް ޗޮއިސް" އެކެވެ. މީގައި ހުންނަ ފައިބަރުގެ ސަބަބުން ލޭގެ ތެރެއަށް ހަކުރު ޖަމާވުން ލަސްކޮށްދީ، ކެއުމަށްފަހު ކުއްލިއަކަށް ހަކުރު މައްޗަށް ދިއުމުން ސަލާމަތްކޮށްދެއެވެ. މީގެ އިތުރުން، މިއީ ހަށިގަނޑުގައި ހުންނަ ނުބައި ކޮލެސްޓްރޯލް ދަށްކޮށްދީ، ލޭ ދައުރުވުން ރަނގަޅުކޮށްދޭ އެއްޗެކެވެ. މީގެ ސަބަބުން ދިގު މުއްދަތެއްގައި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ.

ދިފާއީ ނިޒާމާއި ރީތިކަން

ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވެފައިވާ މި ތަރުކާރީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އިތުރުކޮށްދޭ އެއްޗެކެވެ. އަދި ހަންގަނޑާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ވެސް މީގެން ފައިދާ ކުރެއެވެ. ކެލޮރީ މަދު ނަމަވެސް ބަނޑުފުރައިދޭ އެއްޗަކަށް ވާތީ، މިއީ ބަރުދަން ކޮންޓްރޯލް ކުރަން ބޭނުންވާ މީހުންނަށް ވެސް ރަނގަޅު ތަރުކާރީއެކެވެ.

ކެއުމުގައި ބޭނުންކުރެވިދާނެ ބައެއް ގޮތްތައް:

ލޭޑީސް ފިންގަރ ކެއުމުގައި ހިމަނާލެވިދާނެ ފަސޭހަ ގޮތްތަކުގެ ތެރޭގައި؛ ފިޔާ ކޮޅަކާއި، އަލުވި އަދި ފަތްކޮޅަކާއެކު ތަވާމަތީގައި މީރުކޮށްލުމަށްފަހު، ޓޮމާޓޯ ފޮއްޗަކާއެކު ސޭންޑްވިޗް ހަދައިގެން ކެއުމާއި، ނިއުޓްރިޝަން އެންމެ ފުރިހަމައަށް ހޯދުމަށް ސޫޕްގައި ނުވަތަ ފެނުކައްކައިގެން ބޭނުންކުރުން ހިމެނެއެވެ. ހަމައެއާއެކު ލުއިކޮށް ކައްކާލުމަށްފަހު ލޮނާއި، މިރުސް އަދި ލުނބޯ އެއްކޮށްލައިގެން ބަތާ އެކު ކެއުމާއި، ކުޑަ ތެޔޮކޮޅެއް ލައިގެން ފިހެލައިގެން ނުވަތަ އެއަރ ފްރައި ކޮށްލައިގެން ކްރިސްޕީ ސްނެކެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ.

ލޭޑީސް ފިންގަރ ބޭނުންކޮށްގެން ކާތަކެތި ތައްޔާރު ކުރުމުގައި، އޮމެގާ 3 އެކުލެވޭ ތެޔޮ ބޭނުންކުރުމާއި، ތެޔޮ މަދުކޮށް ކެއްކުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. ލޭޑީސް ފިންގަރ އަކީ ކޮންމެ ދުވަހަކުވެސް ކެއުމުގައި ހިމެނުމަށް އެންމެ އެކަށީގެންވާ އެއް ތަރުކާރީއެވެ.



ކިޔުންތެރިންގެ ހިޔާލު