މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް ބައްދަލުކުރެއްވުން-
މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް ބައްދަލުކުރެއްވުން-
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލުތަކުގައި ކިޔަވައިދެމުންދާ ގޮތް އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހުގައި އެދިއްޖެއެވެ.

މިކަމަށް ރައީސްގެ އަރިހުގައި އެދިފައިވަނީ މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާއެކު ރައީސް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިން ވަނީ އޯޓިޒަމް އަދި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދެވޭގޮތް އިތުރަށް ހަރުދަނާ ކުރުމާއި، ވޮކޭޝަނަލް ތަމްރީނު ބޭނުންވާ ކުދިންނަށް އެ ފުރުސަތު ސްކޫލްތަކުން ލިބޭނެގޮތްވުމާއި، ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ހިދުމަތް ހޯދުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ރައީސް އާއި ހިއްސާ ކޮށްފައެވެ.

މީގެއިތުރުން ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްތަކުގައި ގުރުއާން ކިޔެވޭނެ ގޮތްހެދުމާއި، ތެރަޕީގެ ހިދުމަތް ހަރުދަނާކޮށް، އެއްފުރާޅެއްގެ ދަށުން އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ތައުލީމާއި ހުނަރު ލިބިދެވޭނެ ސެންޓަރެއް ސަރުކާރުން ޤާއިމްކޮށްދެއްވުން ހިމެނެއެވެ.

އަދި ޑިސްއެބިލިޓީ ކައުންސިލް މިހާރު އުފެދިފައި އޮންނަ ގޮތް ބަދަލުކުރެއްވުމަށް ވެސް ބެލެނިވެރިންގެ ފަރާތުން ވަނީ އެދިފައެވެ.

ރައީސް ވަނީ މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވަރަށް ސަމާލުކަންދެއްވައިގެން، ވީހާވެސް އަވަހަށް ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު