މަޝްހޫރު ސައިންސްވެރިޔާ ޕްރޮފެސަރ ޑރ. ހަސަން އުގައިލް
މަޝްހޫރު ސައިންސްވެރިޔާ ޕްރޮފެސަރ ޑރ. ހަސަން އުގައިލް
2026 ވަނަ އަހަރުގެ ޝަރުޢީ ދާއިރާގެ އަހަރީ ކޮންފަރެންސްގައި، ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާކުރުމަށް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްހޫރު ސައިންސްވެރިޔާ ޕްރޮފެސަރ ޑރ. ހަސަން އުގައިލް މުހިންމު ތަޤުރީރެއް ދެއްވައިފިއެވެ.

ޑީޖޭއޭއިން ބުނީ، މި އަހަރުގެ ޖުޑީޝަލް ކޮންފަރެންސް ކުރިއަށްދަނީ "ދިވެހި ޝަރުޢީ ދާއިރާގައި ޓެކްނޮލޮޖީ އާއި އޭއައިގެ ދައުރު: ފަސޭހައިން ލިބިދޭ އަދި ގުޅިފައިވާ އިންސާފުގެ ތަޞައްވުރެއް" މި ޝިއާރުގެ ދަށުން ކަމަށެވެ. އެގޮތުން މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް، އިންސާފު ގާއިމުކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން ކަމަށް ޑީޖޭއޭއިން މަޢުލޫމާތު ދީފައިވެއެވެ.

މިކޮންފަރެންސްގެ އެއް ސެޝަންގައި ތަޤުރީރު ކުރައްވަމުން ޕްރޮފެސަރ ޑރ. ހަސަން އުގައިލް ވަނީ، ޒިންމާދާރު ގޮތެއްގައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކޯޓުތަކުގެ މަސައްކަތް ހަލުވިކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. ވަކިން ހާއްސަކޮށް، އޭއައި ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މައްސަލަތައް އަވަހަށް ނިންމުމަށާއި، ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އޭނާ ވަނީ ޢިލްމީ ފުން މަޢުލޫމާތުތަކެއް ހިއްސާ ކުރަށްވާފައެވެ.



މި ކޮންފަރެންސަކީ ޝަރުޢީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި، ރާއްޖޭގެ ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިންތިޒާމުކުރާ މި ބައްދަލުވުމުގައި، ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަލުވިކޮށް ނަތީޖާ ނެރުމަށް ކުރެވޭނެ ކަންކަމާމެދު ބައިވެރިން ފުޅާދާއިރާއެއްގައި މަޢުލޫމާތު ބަދަލު ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު