އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 52 އަންހެނުން ބަންދުގައި، އަނިޔާ ކުރާ ކަމުގެ ތުހުމަތު
އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 52 އަންހެނުން ބަންދުގައި، އަނިޔާ ކުރާ ކަމުގެ ތުހުމަތު
އިސްރާއީލުން ހިންގަމުންދާ ހައްޔަރުކުރުމުގެ އޮޕަރޭޝަންތަކާ ގުޅިގެން މިހާރުވެސް ފަލަސްތީނުގެ 52 އަންހެނުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިބި ކަމަށް ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

ފަލަސްތީނިއަން ޕްރިޒަނަރ ސޮސައިޓީން ބުނި ގޮތުގައި، ޖަނަވަރީ މަހުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި އެކަނިވެސް ފަސް އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ނޫސްވެރިއަކާއި މީގެ ކުރިންވެސް ހައްޔަރުކުރި ދެ އަންހެނަކު ހިމެނެއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގައްޒާއަށް އިސްރާއީލުން ހަމަލާދޭން ފެށި ފަހުން މިހާތަނަށް 650 އަށްވުރެ ގިނަ ފަލަސްތީނު އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ހައްޔަރުކުރުންތަކުގައި އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ އިހާނެތި އަމަލުތަކާއި ގާނޫނީ އުސޫލުތަކާ ހިލާފު ސީރިއަސް ކަންތައްތަކެއް ހިނގަމުންދާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ބަންދުކޮށްފައިވާ އަންހެނުންނަށް ޖިސްމާނީ ގޮތުން އަނިޔާކުރުމާއި، ޖިންސީ ފުރައްސާރަކުރުމުގެ އިތުރުން ދަށު ދަރަޖައިގެ އަމަލުތައް ހިންގަމުންދާ ކަމަށްވެސް އެ ޖަމިއްޔާއިން ތުހުމަތުކުރެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭއިރު، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ އެކި ސަރަހައްދުތަކުން އަންހެނުން ހައްޔަރުކުރަމުންދަނީ އެމީހުންގެ އާއިލާގެ ފިރިހެނުން އަމާންދީ ހަވާލުވުމަށް މަޖުބޫރުކުރުވުމުގެ އުކުޅެއްގެ ގޮތުގައި ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

މިގޮތަށް ހައްޔަރުކުރެވޭ ގިނަ އަންހެނުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ސޯޝަލް މީޑިއާގައި ޝާއިއުކުރާ ޕޯސްޓްތަކެއްގެ ސަބަބުން "ފިތުނަ އުފެއްދުމަށް ހިތްވަރުދިނުން" ކަމަށް އިސްރާއީލުން ބުނެއެވެ. މީގެ އިތުރުން، 16 އަންހެނަކު މިހާރުވެސް ތިބީ "އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން" ނުވަތަ އެއްވެސް ދައުވާއަކާ ނުލައި، އަދި ސިއްރު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ޝަރީއަތަކާ ނުލައި ބަންދުކޮށްފައެވެ.

ފަލަސްތީނުގެ އަންހެން ގައިދީންގެ ބޮޑުބައެއް ބައިތިއްބާފައިވަނީ އިސްރާއީލުގެ އުތުރުގައިވާ 'ދާމޫން' ޖަލުގައެވެ. އެތަނުގެ ހާލަތު ވަރަށް ދަށްކަން ފާހަގަކުރަމުން ޖަމިއްޔާއިން ބުނީ، ގައިދީންނަށް ބޭސްފަރުވާ އާއި އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށާއި، ގިނަ ވަގުތު އެކަހެރިކޮށް ބައިތިއްބައި، ތަކުރާރުކޮށް ހަށިގަނޑު ބަލައި ފާސްކޮށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބިރުދައްކަމުންދާ ކަމަށެވެ.

ފަލަސްތީނާއި އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުގެ ޖަލުތަކުގައި މިހާރުވެސް 9,300 އަށްވުރެ ގިނަ ފަލަސްތީނު މީހުން ބަންދުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމުގައި ވަގުތުން ފިޔަވަޅު އެޅުމަށް ފަލަސްތީނުގެ ޖަމިއްޔާތަކުން ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު