ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާގެ އުނދަގޫ ޙާލަތުގެ ހަނދާންތައް ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެން ނުދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސުނާމީ ކާރިސާއާ ގުޅިގެން މިއަދު ދެއްވި ޚިތާބުގައެވެ.

ރައީސް މިއަދު ވިދާޅުވީ، އެމަނިކުފާނުގެ އެންމެ އިސްވާޖިބަކީ، އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަޚުންނާއި އުޚްތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރުން ކަމުގައެވެ. އަދި އެ ދުވަހު ރާއްޖޭގެ އެކި ރަށްރަށަށް އެރި ބޮޑު ރާޅާއެކު، ގޯތިގެދޮރު ގެއްލި، ބޮޑެތި ގެއްލުންތައް ލިބުނު ކޮންމެ ރައްޔިތަކާއި ކޮންމެ ޢާއިލާއަކުން ދިރިއުޅުން އަލުން އާރާސްތުކުރުމަށް ހިތްވަރާއެކު ފެށި މަސައްކަތުގައި ބަރަކާތްލެއްވުމަށާއި ކާމިޔާބީއަށް އެދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނާން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ. އަދި އުޚުއްވަތްތެރި، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ބަދަހިކަމާއެކު ތިބެ، ޤައުމު ސަލާމަތްކޮށް، ޤައުމަށް ހެޔޮގޮތް ހޯދައިދިނުމުގައި މުޅި ދުނިޔެއަށް ދިވެހިން ނަމޫނާ ދައްކަމުންދާތާ އެތައް ސަތޭކަ އަހަރެއް ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ސުނާމީގެ އުނދަގޫ ޙާލަތުން އަރައިގަނެ، ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޤައުމު އަލުން އާރާސްތުކުރުމުގައިވެސް ދިވެހިން މަސައްކަތްކުރީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ އެހީތެރިވުމުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘްފުޅުން ޢިބްރަތް ލިބިގަނެ، "އެއް ހަށިގަނޑެއްގެ" މިސާލުގައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ސުނާމީ ކާރިސާއިން ދިވެހިރާއްޖެއަށް ލިބުނު ޢިބްރަތްތައް ގިނަގުނަކަން ފާހަގަ ކުރަށްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކޮންމެ ޙާލަތެއްގައިވެސް މާތްﷲއަށް ވަކީލުކޮށް، އެ އިލާހުގެ ޙަޟްރަތުން ވާގިއެދި، ދުޢާކޮށް، ހެޔޮނިޔަތުގައި މަސައްކަތް ކުރުމުގެ މުހިންމުކަން އެޙާދިސާއިން އެނގިގެން ދިޔަކަމަށެވެ. އަދި އެމީހަކަށް ވީވަރަކުން އަނެކުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، މިފަދަ ޙާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާ ކޮންމެ ޢާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށް ދިނުމުގައި އޮތް އިޖުތިމާޢީ ފައިދާ ސުނާމީ ކާރިސާއިން ފެނިގެންދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި، ކުއްލި ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމާއި، ބައިނަލްއަޤުވާމީ މުޖުތަމަޢާ އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ މަންފާވެސް މި ކާރިސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ރައީސް ވިދާޅުވީ، އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގާ ކަމަށެވެ. އަދި ދޯންޏެއް ފެންމަތީ އޮތުމަށްޓަކައި އެ ދޯނީގެ މަޑޫތައް ރަނގަޅަށް ހިނމުންކޮށް ގުޅިފައި ހުންނަން ޖެހޭ ފަދައިން، ޤައުމެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައި، ކުރިއެރުމާއި ތަރައްޤީ ހޯދައި އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ހުރިހައި ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިއަދު ހަނދާން ކުރަންވީ ސުނާމީއަށްފަހު ދިވެހީން ދިރުވި އެއްބައިވަންތަކަމާއި، އެއްޤައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުންކަމަށާއި، ހަމައެހެންމެ އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ. ދިވެހީންގެ މި ޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މިއަދަށް ފުރުނީ 21 އަހަރެވެ.



ކިޔުންތެރިންގެ ހިޔާލު