ސްރީލަންކާއަށް ކުރިމަތިވި 'ޑިޓްވާ' ތޫފާނުގައި ހަލާކުވި ސަރަހައްދުތައް އަލުން އާބާދުކުރުމަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާއިން 450 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ނިންމައިފިއެވެ.

މިއަދު މިކަން އިއުލާން ކުރެއްވީ ކޮޅުނބުގައި މީޑިއާތަކާ ވާހަކަދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އެހީގެ ޕެކޭޖުގައި ހިމެނެނީ ލުއި ލޯނުގެ ގޮތުގައި ދޭ 350 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ. މި އެހީގެ ބޭނުމަކީ ތޫފާނުގެ އަސަރުކޮށްފައިވާ ސަރަހައްދުތައް އަލުން ބިނާކުރުމަށް އެގައުމަށް އެއްބާރުލުން ދިނުމެވެ.

ޖައިޝަންކަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ އެހީ އަމާޒުކުރާނީ މި ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި ދާއިރާތަކަށެވެ. މީގެ ތެރޭގައި މަގުތަކާއި، ރޭލްވޭ އަދި ބްރިޖުތައް މަރާމާތުކޮށް ގުޅާލުމާއި، މުޅިން ހަލާކުވެފައިވާ އަދި ބައެއް ގެއްލުންތައް ލިބިފައިވާ ގެދޮރު އަލުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މަދުވެގެން 334 އަށް އަރައެވެ.

ހަފްތާއެއް ވަންދެން ލަންކާއަށް ކުރި މި ވިއްސާރާގައި މަދުވެގެން 334 މީހުން މަރުވިކަން މިހާތަނަށް ކަށަވަރުވެފައި ވާއިރު 218 މީހަކު އަދިވެސް ނުފެނެ އެވެ.

ލިބުނު ގެއްލުން 4 ބިލިއަނަށް އަރާއިރު ލަންކާއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު މި ކާރިސާގައި 25،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 147،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފަ އެވެ.

ލަންކާއަށް އެރި މި ތޫފާނަކީ 2017 ވަނަ އަހަރު އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ.



ކިޔުންތެރިންގެ ހިޔާލު