ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު އިވެންޓުގައި ރައީސް އާއި ޔޫތު މިނިސްޓަރ- ފޮޓޯ: ރައީސް އޮފީސް
ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު އިވެންޓުގައި ރައީސް އާއި ޔޫތު މިނިސްޓަރ- ފޮޓޯ: ރައީސް އޮފީސް
ސައިބަރ ކުށްތައް މަދުކުރުމަށްޓަކައި އަންނަ އަހަރު ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރޭ ޒުވާނުންނާއެކު އެމަނިކުފާނު ކުރިއަށް ގެންދިޔަ "ކޮފީ ވިތު ޕްރެޒިޑެންޓު" ގައި ޒުވާނުން ހިއްސާކުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވަ މުންނެވެ.

އެގޮތުން މި އިވެންޓުގައި ބައިވެރިވި ޒުވާނުން ވަނީ ރާއްޖޭގައި ސައިބަރ ކުށްތައް އިތުރުވެ، އެކި ބާވަތުގެ ސްކޭމްތަކުގައި ގިނަ ޢަދަދެއްގެ ފައިސާ ފޭރުމާއި، އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ހަނގާކުރުމާއި ފޮށުމާއި އެނޫންވެސް ނޭދެވޭ އެތައް ޢަމަލެއް ހިންގަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސައިބަރ ކުށް މަދުކުރުމަށްޓަކައި އަންނަ އަހަރު މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ޤާއިމުކުރެވުނު ނޭޝަނަލް ސަރިބަރ ސެކިއުރިޓީ އޭޖެންސީ (އެންސީއެސްއޭ) އެންމެ ރަނގަޅަށް ހިނގައިގަންނާނީ މިޤާނޫނު ވުޖޫދު ކުރެވުމުން ކަމަށެވެ.

އަދި ސައިބަރ އިންސިޑެންޓް ރެސްޕޮންސް ޓީމެއް ޤާއިމުކޮށް، ސައިބަރ ކްރައިމްއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު