ތުރުކީގެ ވެރިރަށް އަންކާރާއިން ފުރައިގެން ދަތުރުކުރި ބޯޓެއް ވެއްޓި، ލީބިޔާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުޙައްމަދު އަލީ އަޙުމަދު އަލް-ޙައްދާދު އަވަހާރަވެއްޖެ ކަމަށް އެގައުމުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އިތުރު ހަތަރު މީހަކުވެސް ވަނީ މަރުވެފައެވެ.

ލީބިޔާގެ ބޮޑުވަޒީރު އަބްދުލްހާމިދު ދްބެއިބާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "މިއީ ތުރުކީގެ އަންކާރާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށް ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއް" ކަމަށެވެ. އަދި މިއީ ގައުމަށާއި، އަސްކަރިއްޔާއަށާއި، މުޅި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި ބޯޓުގައި ލީބިޔާގެ ގްރައުންޑް ފޯސްގެ ކޮމާންޑަރާއި، މިލިޓަރީ މެނުފެކްޗަރިން އޮތޯރިޓީގެ ޑިރެކްޓަރާއި، ޗީފް އޮފް ސްޓާފްގެ އެޑްވައިޒަރެއްގެ އިތުރުން ފޮޓޯގްރަފަރަކު ދަތުރުކުރިއެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔަރްލިކާޔާ ސޯޝަލް މީޑިއާގައި ވިދާޅުވީ، އަންކާރާގެ އެސެންބޯގާ އެއާޕޯޓުން ޖީ.އެމް.ޓީ ގަޑިން 17:10 އެހާއިރު ލީބިޔާގެ ޓްރިޕޮލީއަށް ދިއުމަށް ފުރި މި ބޯޓުގެ ޚަބަރެއް އެންމެ ފަހުން ވީ 17:52 އެހާއިރު ކަމަށެވެ. އަދި ބޯޓު ވެއްޓިފައިވާ ބައިތައް ފެނިފައިވަނީ އަންކާރާގެ ހޭމަނާ ސަރަހައްދުގެ ކެސިކަވަކް އަވަށާ ކައިރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު