ރައީސް ނަޝީދު
ރައީސް ނަޝީދު
ފަތުރުވެރިކަމުގައި ރިސޯޓުތަކުން ލިބޭ ފައިދާ މީހުން ދިރިއުޅޭ ރަށްރަށުންވެސް ހޯދޭނެ ކަމަށާއި، އެކަން މާފުށީ ރައްޔިތުން ދައްކައިދީފިކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އޭގެއިތުރުން އެމްޑީޕީގެ ރައީސްކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ހާޓް އޮފް މޯލްޑިވްސް" ގެ ގޮތުގައި މާފުށި ބްރޭންޑް ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ބްރޭންޑްގެ ލޯގޯ އިފްތިތާހްކޮށްދެއްވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފަށްޓަވައިދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ރައީސް ނަޝީދު ވިދާޅުވީ، މާފުށީގެ އިގްތިސޯދު އެތައް ގުނައެއް ކުރިއަރާފައިވާ ކަމަށާއި، ރަށުގެ އުފެއްދުންތެރިކަމާއި ޖީޑީޕީ އަދި މަސައްކަތުގެ ފުރުސަތުތަކުގެ މައުލޫމާތު އެނގުން މުހިންމު ކަމަށެވެ. އަދި ސިޔާސަތުތައް ކަނޑައެޅުމުގައި މައުލޫމާތުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މާފުށިން އަހަރަކު 120 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކާ ކަމަށާއި، ކައުންސިލަށް 55 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިކަމުގައި ރިސޯޓުތަކުން ލިބޭ ފައިދާ މީހުން ދިރިއުޅޭ ރަށްރަށުންވެސް ހޯދޭނެ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހަމަ މި ގޮނޑުދޮށް އޮތީ ޓޫރިސްޓު ރަށެއްގައި އޮންނަ، ހަމަ މި މޫދު އޮތީ ޓޫރިސްޓު ރަށެއްގައިވެސް އޮންނަ، ހަމަ ގަސްކަރަ އެކައްޗެއް، ފަސްގަނޑު އެކައްޗެއް. އެހެންވީމާ އެބަ އެނގޭ ރިސޯޓެއްގައި ނަގާ ނަފާ މީހުން ދިރިއުޅޭ ރަށެއްގައި ނުނެގޭންވީ އެއްވެސް ސަބަބެއް ޒަމީރަކަށް ނުވިސްނުނު." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި މާފުށީގެ އާ ލޯގޯގެ ކުލަތައް ދައްކައިލާފައިވާއިރު، ރައީސް ނަޝީދަށް ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި، ގެސްޓް ހައުސް އެސޯސިއޭޝަންގެ ވެރިންނާއި، މާފުށީގެ މުއައްސަސާތަކުގެ ވެރިންނާއި، މާފުށީގައި ފުރަތަމަ ގެސްޓްހައުސް ހުޅުވި ފަރާތް، އަހުމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާފުއްޓަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބުމާއެކު އެންމެ ފުރަތަމަ ގެސްޓްހައުސް ހިދުމަތް ދޭން ފެށި ރަށެވެ. އެ ރަށުގައި މިހާރު 2000 އަށްވުރެ ގިނަ ޓޫރިސްޓް އެނދު އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު