ފުލުހުންގެ ރައިޑެއްގައި ހިފެހެއްޓި ވޭޕު ސާމާނުތައް-
ފުލުހުންގެ ރައިޑެއްގައި ހިފެހެއްޓި ވޭޕު ސާމާނުތައް-
އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުންވެސް، މިހާތަނަށް 73000 އަށްވުރެ ގިނަ ވޭޕް ސާމާނު އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިޔާނާ ވިދާޅުވީ އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވުނު ފަހުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 185 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިމައްސަލަތަކުގައި ވޭޕް ކުރުމަށް ބޭނުން ކުރާ 73,000 އާލާތް ހިފެހެއްޓި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 24 މިލިއަން ސިނގިރޭޓް ސްޓިކާއި، 205 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 118 މައްސަލައެއްގައި 205 ކިލޯގެ މަސްތުވާތެކެތި އަތުލައިގަނެފައިވޭ. މިތަކެތީގެ މަގުމަތީ އަގު 277 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ. 15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕް މަނާކުރި ފަހުން މިއަދާ ހަމައަށް 185 މައްސަލައެއްގައި 73،000 އަށްވުރެ ގިނަ ވޭޕް އަތުލައގަނެފައިވޭ." ދިޔާނާ ވިދާޅުވިއެވެ.

ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.

އަދި، ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއްކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު