ޢުދައްޔުގެ ޝަރީޢަތުގެ ތެރެއިން
ޢުދައްޔުގެ ޝަރީޢަތުގެ ތެރެއިން
ގއ. މާމެންދޫގައި 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހުގެރޭ ހިންގި ގްރޫޕް މާރާމާރީގައި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ މަރުގެ މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އެދެމީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ އުދައްޔުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ ޝަމީމާއި މާޒިން މެރުމަށް ހުކުމް ކުރާ ކަމަށެވެ.

އެހެންކަމުން މި ދެ މީހުންގެ ފަރާތުން، އެ މީހުން މަރަން ކޮށްފައިވާ ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

އެމައްސަލާގައި ދެން ދައުވާލިބުނު ގއ. މާމެންދޫ ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ސާބިތުވެ 7 އަހަރަށް ވަނީ ޖަލަށްލާފައެވެ. އެހެންކަމުން ޝަރަފްގެ މައްޗަށް ސާބިތުނުވި ދަޢުވާގެ ބައި ދަޢުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ

ހަމައެއާއެކު މި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި މާޒިން 10 އަހަރަށް ޖަލަށްލުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދަޢުލަތުން އުފުލި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި އެ ކުއްޖާ 25 އަހަރަށް ޖަލަށް ލުމަށް އެކޯޓުން ޙުކުމް ކުރީ 31 އޮކްޓޯބަރ 2022 ގައެވެ.

އުދައްޔުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާއިރު ބައެއް ޒަޚަމްތަކުގެ ފުންމިނުގައި ފަސް އިންޗި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ ބުރަކަށިން ހިތާ ދިމާއަށެވެ.



ކިޔުންތެރިންގެ ހިޔާލު