މާލެ ސަރަހައްދިގެ ވައި ނުސާފުވުން-
މާލެ ސަރަހައްދިގެ ވައި ނުސާފުވުން-
ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދުގެ ވައި ނުސާފުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އޮރެންޖު އެލާޓު ނެރެފިއެވެ.

އެޗްޕީއޭއިން ބުނީ ވައި ނުސާފުވުމުން ނާޒުކު ހާލަތުގައި ތިބި މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ، އެ ފަދަ ހާލަތުގައި ތިބި މީހުން ބޭރުގައި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވަނީ އެދިފައެވެ.

އަދި ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު އެން95 މާސްކު ބޭނުންކުރުމާއި ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕަން އަދި އެއާ ޕިއުރިފަޔާ ބޭނުންކުރަން އެޗްޕީއޭއިން ވަނީ އެދިފައެވެ.

ވައިގެ ކޮލެޓީގެ މައުލޫމާތު ފެންނަ "އައިކިއު އެއާ" އިން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42 މައިކްރޯ ގްރާމްގައެވެ. ޔޫއެސް އޭކިއުއައި އިން ބަލާނަމަ 117 ގައެވެ. އެއީ އޮރެންޖު އެލާޓު ހިމެނޭ ލެވެލް އެވެ.

އެ ހާލަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މިއަށް ވުރެ ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި މި މޫސުމުގައި ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ ޗޭނު "ހިމާލަޔާސް" އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީއެވެ.



ކިޔުންތެރިންގެ ހިޔާލު