ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ-
ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ-
ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ މާލޭގެ ބިންތަކަކާ ބެހޭ ކޮންޓްރެކްޓެއް ނަހުލާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް އެބަ އޮތް ކަމަށެވެ. އެ ވީޑިއޯ ހުރިހާ ކައުންސިލަރުންނާ މިއަދު ވަނީ ހިއްސާ ވެސް ކޮށްފައެވެ.

ނަހުލާ ވީދާލާފައި ވަނީ އެ ކައުންސިލުން މި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށް މޭޔަރ އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ލިޔެކިޔުންތައް ނައްތައިލާކަން މިހާރު އެ ވަނީ ހާމަވެފައި ކަމަށެވެ. އަދި ކައުންސިލުގައި ލިޔެކިޔުންތައް ހުރިކަން ނުވަތަ ނެތްކަން ނޭނގޭ ކަމަށް ވިދާޅުވާން ޖެހޭ ސަބަބަކީވެސް އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފުޓޭޖު އެބަހުރި، އަޅުގަނޑު އޮންނާނީ ފުލުހަށް ފޮނުވާފައި ތަހުގީގުކުރަން މިހާރު، ފުލުހަށާއި އެލްޖީއޭއަށް ފޮނުވާފައި ވާނީ،" މޭޔަރ އާޒިމް ވިދާޅުވިއެވެ.

ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށާއި ސިޓީ ކައުންސިލުގައި ހުންނަ އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ ބާރު އެ ކައުންސިލުގެ އެއްވެސް މެންބަރަކަށް ލިބިގެން ނުވާ ކަމަށް މޭޔަރ އާޒިމް ވަނީ ވިދާޅުވެފައެވެ.

އަދި އެ މައްސަލައާ ގުޅިގެން ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށާއި އެ ބަޔާންތައް ފުލުހުންނާ ހިއްސާކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ނަހުލާ ވަނީ ސިޓީ ކައުންސިލްގެ ލިޔެކިޔުމެއް ވީދާލިކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. ނަމަވެސް ނަހުލާ ވިދާޅުވީ އޭނާ ވީދާލީ ކުރީގެ ތާރީހެއް ޖަހައިގެން ވިލިމާލޭގެ ބިމެއް ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި ލިޔުމެއް ކަމަށެވެ.

މީގެ އިތުރުން ނަހުލާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މިދިޔަ މަހު އާންމުކުރި މާލޭގެ ބިންތަކުގެ ދަފުތަރުގައި ވިލިމާލެއިން ދޫކޮށްފައިވާ ނުވަ ބިމުގެ ތެރެއިން ހަ ބިމެއް އުނިކޮށްފައިވާ ކަމަށާއި އެކަން ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން، ވިލިމާލޭގައި އައުޓްޑޯ ޖިމެއް އެޅުމަށް މޭރީ ޖޫގޯ ނަމަކަށް ކިޔާ ކުންފުންޏަކާ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ހަވާލުކޮށްފައި އޮތް ނަމަވެސް، އެ ބިން އޮތީ އެ ކުންފުންޏާ ހަވާލުނުކޮށް ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި އެކަން ކައުންސިލުގެ ސަމާލުކަމަށް ގެނައުމުން، ޖެހިގެން އައި ބުރާސްފަތި ދުވަހު މޭރީ ޖޫގީ ކުންފުންޏަށް ގުޅައި ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެ ކުންފުނީގެ ބޭފުޅުން މާލެ ސިޓީ ކައުންސިލަށް ގެނައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ދުވަހު މޭރީ ޖޫގޯ ކުންފުނީގެ ބޭފުޅުން ލަައްވައި މާލެ ސިޓީ ކައުންސިލުން ސޮއިކުރި ލިޔުމުގެ ތާރީހެއްގެ ގޮތުގައި ލިޔެފައި އޮތީ ޖޫން 1، 2025 ކަމަށާއި، އެ ލިޔުމުގައި މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުހައިމިން ނަސީރުގެ މަގާމުގެ ގޮތުގައި ވެސް އޮތީ އޭނާގެ ކުރީގެ މަގާމު ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ކުރީގެ ތާރީހެއް ޖަހާފައިވާ ބިން ހަވާލުކުރާ ލިޔުމުގައި މޭރީ ޖޫގޯ ކުންފުނީގެ ބޭފުޅުން ލައްވައި މާލެ ސިޓީ ކައުންސިލުން އެ ދުވަހު ސޮއިކޮށް އިނގިލީގެ ނިޝާން ވެސް ޖެހުވި ކަމަށެވެ.

އަދި ލިޔުން އިރާލީ ތާރީހު ރަނގަޅު ނޫންކަން ފެނުނީމައި ކަމަށާއި، އެ ދުވަހު އެ ތަނުގައި ހިނގާދިޔަ ހުރިހާ ކަމެއްގެ ހެކި އޭނާގެ އަތުގައި ހުންނާނެ ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

އެ ލިޔުންތަކުގެ ފޮޓޯ ނަގައި ސިޓީ ކައުންސިލްގެ އެސްޖީއަށް ވެސް ހަމަ އެ ދުވަހު ފޮނުވި ކަމަށާއި، މައްސަލައެއްގެ ގޮތުގައި އެކަން މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލްގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވުމުން އެސްޖީ ދެ ފަހަރެއްގެ މަތިން އޭނާއަށް ފޯނުން ގުޅުއްވައި ވާހަކަދެއްކެވި ކަމަށް ވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ އެސްޖީ، މުހައިމިން ވިދާޅުވީ އެ ލިޔުމުގައި ޖޫން 1 އޮތް ނަމަވެސް، ބިމާބެހޭ އެއްބަސްވުންތަކުގައި އޮންނަ ގްރޭސް ޕީރިއަޑް ގުނަން ފަށަނީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށެވެ. އަދި އެއީ އޮޅުވާލައިގެން ކުރި ކަމެއް ނޫން ކަމަށް ވެސް މުހައިމިން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާ ނިންމައިލައްވަމުން މޭޔަރު އާޒިމް ވިދާޅުވީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަދެއްކުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު