ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތި
ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މީގެފަހުން މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު އިސްލާޙު ކޮށްފިއެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލުގައިވަނީ، ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފިނަމަ، ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ކަމަށެވެ.ސަރުކާރުން މިދިޔަ އަހަރު ހުށަހެޅި މި ބިލު، 65 މެންބަރުންގެ ވޯޓާއެކު ފާސްކުރިއިރު، އެއްވެސް މެންބަރަކު މިބިލާއި ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ.

މި އިސްލާހުގެ ކުރިން މަސްތުވާތަކެތީގެ ކުށްތަކުގައި އެންމެ ބޮޑު އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެވެ.

މިއަދު ފާސްކުރި ބިލުގައިވާ ގޮތުން، މަރުގެ އަދަބު ދެވޭނީ 350 ގްރާމަށް ވުރެ ގިނަ ކެނަބިސް، ނުވަތަ 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން، ނުވަތަ 100 ގްރާމަށް ވުރެ ގިނަ ޢަދަދަކަށް ޖަދުވަލު އެކެއްގައި ހިމެނޭ 139 ބާވަތުގެ އެހެނިހެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށެވެ.

އަދި މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭނީ، ދަށު ކޯޓުގެ މަރުހަލާ ނިމި، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. އަދި އެންމެ ފަނޑިޔާރަކުވެސް ދެކޮޅު ހަދައިފިނަމަ، އެ މީހަކަށް ލިބޭނީ އުމުރަށް ޖަލަށްލުމާއި، އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އަދަބެވެ.

މިއަދު ފާސްކުރި ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ވެގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު