ޢުޅަނދުތައް ނެގުން
ޢުޅަނދުތައް ނެގުން
ހުޅުމާލޭގައި ޤަވާއިދާއި ހިލާފަށް ޕާކްކޮށްފައިހުރި އުޅަނދުތައް މިމަހުގެ 6ގެ ކުރިން ނަގަން ފުލުހުން އަންގައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޑިސެމްބަރު 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން އެތަންތަނުން ނެންގެވުމަށް ދަންނަވާ ކަމަށެވެ.

"ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެއެވެ." ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ޑިސެމްބަރު 6 ވަނަ ދުވަހުން ފެށިގެން މިފަދަ އުޅަނދުތައް ޓޯވކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް އެފަދަ އުޅަނދުތައް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މިގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގައާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޚިދުމަތުން ޒިންމާ ނުވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެއިތުރުން ޓޯވކުރެވޭ އުޅަނދުތައް ޓޯވކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު މަހު ހުޅުމާލެއިން 520 އުޅަނދު ވަނީ ޓޯކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު